ޖަރުމަނު ބުންޑަސްލީގާގައި ރޭ އަމިއްލަ ދަނޑުގައި އެއިންޓްރަކް ފްރެންކްފާޓާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މިއީ ފީފާ ވޯލްޑް ކަޕަށް ފަހު ކުޅުން އަލުން ފެށިފަހުން ބަޔާން ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ. ބްރޭކަށް ފަހު ފުރަތަމަ ކުޅުނު މެޗުގައި އެއްވަރުވީ އާރުބީ ލައިޕްޒިގާ ވާދަކޮށެވެ. އޭގެފަހުން ކޮލޯންއާ ދެކޮޅަށް މިދިޔަ ހަފްތާ ކުޅުނު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
އާ އަހަރުގައި ބަޔާނަށް އަދި ލީގު މޮޅެއް ނުލިބެ އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން އާ އަހަރުގެ ފުރަތަމަ ތިން މެޗުން ބަޔާނަށް މޮޅެއް ނުލިބުނު ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ޖެހީ ލިރޯއި ސާނޭ އެވެ. ސާނޭ މި ގޯލު ޖެހީ ތޯމަސް މުލާ ނަގައިދިން ހުރަހަކުންނެވެ. ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ބަޔާންގެ ޑަޔޮޓް އުޕަމެކާނޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ފްރެންކްފާޓުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 69 ވަނަ މިނެޓުގައި ރެންޑަލް ކޯލޯ މުއާނީ ޖެހި ގޯލުންނެވެ. މިއީ ފްރާންސް ގައުމީ ޓީމުގެ ފޯވާޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހި ހަތަރު ވަނަ ގޯލެވެ. ސީޒަނުގައި މުއާނީ ޖެހި ލީގު ގޯލުގެ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ.
ބަޔާންގެ ފަހަތުން ލީގުގެ ދެވަނައިގައި މިހާރު އޮތީ ޔޫނިއަން ބާލިން އެވެ. އެޓީމު ވަނީ ރޭ ރަށުން ބޭރުގައި ހާތާ ބާލިން 2-0 އިން ބަލިކޮށްފަ އެވެ.
ބަޔާން އެއްވަނައިގައި 37 ޕޮއިންޓާ އެކު އޮތްއިރު ޔޫނިއަން ބާލިން ދެވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތީ 35 ޕޮއިންޓް ލިބިފައިވާ އާރުބީ ލައިޕްޒިގް އެވެ. 18 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ފްރެންކްފާޓް އޮތީ ފަސް ވަނައިގަ އެވެ.