ޖަރުމަނު ބުންޑަސްލީގާގައި ފަހަކަށް އައިސް ފޯމު ދަށްވިޔަސް ކޯޗު ހޫލިއަން ނާގެލްސްމަން އަށް އިތުބާރު އެބައޮތް ކަމަށް ބަޔާން މިއުނިކްގެ ރައީސް ހާބާޓް ހެއިނާ ވިދާޅުވެއްޖެ އެވެ.
ޖަރުމަނު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަޔާނަށް މޮޅެއް ނުލިބެ އެވެ. ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވިއިރު މި ހަފްތާ ކުޅުނު މެޗުގައި އައުސްބާގް އަތުން 1-0 އިން ބަލިވީ އެވެ. އެއްވަރުވީ ބޮރޫޝިއާ މޮންޗެންގްލަދްބާ އާއި ޔޫނިއަން ބާލިން އަދި ސްޓަޓްގާޑާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.
ހަތް މެޗަށް ފަހު ލީގުގައި ބަޔާން މިވަގުތު އޮތީ ފަސްވަނައިގަ އެވެ. އެކަމަކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ދެ މެޗު ވެސް 2-0 އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭގައި މިދިޔަ ހަފްތާ ބާސެލޯނާ އަތުން މޮޅުވި މެޗު ވެސް ހިމެނެ އެވެ.
ރައީސްގެ އިތުބާރު ކޯޗަށް އޮތްއިރު ބަޔާންގެ ޗީފް އެގްޒެކެޓިވް އޮލިވާ ހާން ވެސް ނާގެލްސްމަންއަށް އިތުބާރު އޮތްކަން ހާމަކޮށްފައިވެ އެވެ.
"ބަޔާން ނިސްބަތްވަނީ އެއްވަނަ އަށް. އެންމެ ކުރިއަށް ދިއުމުގެ އަޒުމް މި ޓީމުގަ އޮންނާނެ" ކުރީގެ މަޝްހޫރު ގޯލްކީޕަރު ބުންޏެވެ.
ހެއިނާ ވިދާޅުވީ ހަތަރު މެޗުން މޮޅެއް ނުލިބުމަކީ ޓީމުގެ ސަޕޯޓަރުންނަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"ކޮންމެ މެޗެއްގަ ބަޔާނުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރޭ. ކުޅުމާ ލިބޭ ފުރުސަތުތަކަށް ބަލާފަ ނަތީޖާއިން އެކަމެއް ނުފެނޭ. އަހަރެންގެ ފުރިހަމަ އިތުބާރު ނާގެލްސްމަން އަށާއި ޓީމަށް އެބައޮތް" ކްލަބުގެ ރައީސް ވިދާޅުވި އެވެ.
ލީގުގައި މިދިޔަ ސީޒަނުގައި ކުޅުނު ފަހު ތިން މެޗުން ވެސް ބަޔާނަށް މޮޅެއް ނުވެވުނެވެ. އެ މެޗުތައް ހިމަނައިގެން ލީގުގައި ކުޅުނު މިދިޔަ 10 މެޗުގެ ތެރެއިން ބަޔާން ފަސް މެޗުން އެއްވަރުވެ ދެ މެޗުން ވަނީ ބަލިވެފަ އެވެ.
"ބައިނަލްއަގްވާމީ މެޗުތަކަށްފަހު ބަޔާންގެ ގޮތުގައި އެޓޭކްކުރަން ފަށާނެ އަލުން. ސީޒަން އަދި ފެށީ. ބަޔާންގެ އަމާޒަށް ދިއުމުގެ ގާބިލްކަން މި ޓީމުގަ އެބަހުރި" ހެއިނާ ވިދާޅުވި އެވެ.