ކުޅިވަރު

ހަތަރު މެޗަށް ފަހު ބަޔާނަށް މޮޅެއް

ޖަރުމަނު ލީގުގައި މޮޅެއް ނުލިބި ހޭދަކުރި ހަތަރު މެޗަށް ފަހު ބަޔާން ލެވަކޫސަން އަތުން 0-4 އިން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

ލީގުގެ ފުރަތަމަ ތިން މެޗު ބަޔާނުން ކާމިޔާބު ކުރިނަމަވެސް އޭގެފަހުން ފޯމު ދަށްވި އެވެ. ބައިނަލްއަގްވާމީ މެޗުތަކަށް މިދިޔަ ހަފްތާ ކުޅުން މެދުކަނޑާލިއިރު ބަޔާންގެ ރައީސް ވިދާޅުވީ ބަޔާން އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ. މޮޅެއް ނުލިބި ގިނަ ދުވަސްތަކެއް ވުމުން ކޯޗު ހޫލިއަން ނާގަލްސްމަން އަށް ވެސް ޕްރެޝަރު ބޮޑުވި އެވެ. އެކަމަކު ބަޔާނުން ވަނީ ކޯޗަށް އިތުބާރުކޮށް ނަތީޖާ ނެރޭނެ ކަމަށް ބުނެފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ބަޔާނުން ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. މި ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ލިރޮއީ ސާނޭ އާއި ޖަމާލް މުސިއާލާ އަދި ސަޑިއޯ މާނޭ އެވެ. މިއީ އުމުރުން 19 އަހަރުގެ ޖަރުމަނު މިޑްފީލްޑަރު މި ސީޒަނުގައި ކުޅުނު ހަތް ވަނަ މެޗުގައި ޖެހި ފަސް ވަނަ ލަނޑެވެ. މި ސީޒަނުގައި މުސިއާލާ އަންނަނީ މޮޅު ކުޅުމެއް ދައްކައި ޖަރުމަނު ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުންނެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ އެވެ.

މޮޅާ އެކު ބަޔާން ވަނީ އަށް މެޗުން 15 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެއްވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދާފައިވާ ޔޫނިއަން ބާލިން އެވެ. ބަޔާންއާ އެއްވަރަށް ޕޮއިންޓް ހޯދާފައިވާ ބްރޫޝިއާ ޑޯޓްމަންޑް މި ހަފްތާ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ދެވަނަ މަގާމް ލިބޭނެ އެވެ.

ލީގުގައި ހޯދި މުހިއްމު މޮޅަށް ފަހު މި ހަފްތާ ބަޔާން ނުކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗުގައި ބަޔާނުން ވަނީ އިންޓަ މިލާން އާއި ބާސެލޯނާ ބަލިކޮށްފަ އެވެ. ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްފި ނަމަ ޗެމްޕިއަންސް ލީގުގެ އަނެއް ބުރު ބަޔާނަށް ގާތްގަނޑަކަށް ކަށަވަރުވާނެ އެވެ.