ހޮލީވުޑް

ދަ ލަޔަން ކިންގް: ނޭނގޭ ހަތް ކަމެއް

ޑިޒްނީގެ "ދަ ލަޔަން ކިންގް" ކާޓޫނާއި ލައިވް އެކްޝަން ފިލްމްތަކާއި އޭގެ ކެރެކްޓާތަކަކީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ވަރަށް މަގުބޫލް ފިލްމެކެވެ. މި ފިލްމްތައް ބޮކްސް އޮފީހުގައި ކާމިޔާބު ކަމާއެކު ހިނގާފައިވާއިރު މި ފިލްމްތަކަށް އެވޯޑްތައްވެސް ވަނީ ލިބިފަ އެވެ.

ޑީ23 އެކްސްޕޯގައި ޑިޒްނީއިން "ދަ ލަޔަން ކިންގް"ގެ ޕްރީކުއެލްއެއް ހަދާނެ ކަމަށް އިއުލާންކޮށްފައިވެ އެވެ. މި ޕްރީކުއެލް ބިނާކުރާނީ ސިމްބާގެ ބައްޕަ، މުފާސާ އާއި ސްކާގެ ހަޔާތާއި މުފާސާ ރަސްގެފާނަށް ވާގޮތުގެ މައްޗަށެވެ.

"ދަ ލަޔަން ކިންގް"ގެ ވާހަކަ ދެކެވޭއިރު އެ ފިލްމްގައި އާންމުކޮށް އާންމުންނަށް ނޭނގޭ ހަތް ކަމެއް އެބަވެ އެވެ.

1
 

ރިލީޒްކުރުމުގެ ކުރިން ފިލްމްގެ ނަން ނޫނީ ޓައިޓަލް ތަފާތު

"ދަ ލަޔަން ކިންގް" އަކީ ޕްރޮޑިއުސަރުންނާއި ފިލްމް ހެދި މީހުންގެ ފުރަތަމަ ޗޮއިސްއެއް ނޫނެވެ. އެ ނަން ފައިނަލް ކުރުމުގެ ކުރިން "ކިންގް އޮފް ބީސްޓްސް"، "ކިންގް އޮފް ދަ ޖަންގަލް" އަދި "ކިންގް އޮފް ދަ ކަލަހާރީ" އަށް ވެސް މަޝްވަރާކުރެވުނެވެ.

2
 

ޓްރޭލައެއް ހެދުމަށް މުޅި ސީން ބޭނުންކުރުން

"ދަ ލަޔަން ކިންގް" ފެށޭ ސީންގައި ފެނިގެންދަނީ "ސާކަލް އޮފް ލައިފް" ލަވައާ އެކު ޖަނަވާރުންތައް އެއްވާތަނެވެ. މި ފިލްމްގެ ޓްރޭލާ ހެދުމަށް ޑިޒްނީ އިން އަލަށް މުޅިސީން ބޭނުންކޮށްފައިވެ އެވެ.

3
 

"ދަ ލަޔަން ކިންގް" އިން (ލަލަބައި) ނާނާއެއް ފޮހެލި

ފިލްމްގައި ސިމްބާ ކުޑައިރު އަލަށް ހައިނާތަކާ ބައްދަލުވާ މަންޒަރަކީ ބިރުވެރި މަންޒަރެކެވެ. އެހެންކަމުން ފުރަތަމަ މި ފިލްމް ހެދިއިރު ހައިނާ ސީންގެ ފަހުން ސިމްބާ ރައްކާތެރިކަމާއެކު ނިންދެވުމަށް ސިމްބާގެ މަންމަ ސެރާބީ "ދަ ލަޔަން އިން ދަ މޫން" ނާނާ ކިޔަ އެވެ. ނަމަވެސް ފަހުން މި ނާނާ ވަނީ ޑިލީޓްކޮށްފަ އެވެ.

4
 

ފުރަތަމަ ސްކްރިޕްޓްގައި "ހަކޫނަ މަޓާޓާ" ލަވަ ނުހިމެނޭ

"ހަކޫނަ މަޓާޓާ" ނުލައި މި ފިލްމްމާ މެދު ވިސްނުމަކީވެސް ވާނެ ކަމެއް ނޫނެވެ. "ހަކޫނަ މަޓާޓާ"ގެ މާނައަކީ ކަނބޮޑުނުވޭ (ނޯ ވޮރީޒް) އެވެ.

މި ލަވައަކީ މި ފިލްމްގެ އެންމެ މަޝްހޫރު އެއް ލަވަ އެވެ. މި ލަވައިގެ ބަދަލުގައި މި ފިލްމްގައި ފުރަތަމަ ހިމެނީ ގަސްގަހާ ބިންމަތީގައި އުޅޭ ސޫފި ކެއުމާ ބެހޭގޮތުން "ހީޒް ގޮޓް ދެޓް އޯލް ވާކްޑް އައުޓް" ކިޔާ ލަވަ އެވެ.

ފިލްމްގެ ޑައިރެކްޓަރު ރޮބް މިންކޮފް އަށް މިފަދަ ލަވައެއް ކަމުނުދިއުމުން، ދިރާސާ ކުރުމަށްފަހު ޓީމުން ހެދި ލަވައަކީ "ހަކޫނަ މަޓާޓާ" އެވެ.

5
 

ބައެއް ސީން ހަދަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ނެގި

މި ފިލްމްގައި ސިމްބާ ސަލާމަތްކުރަމުން މުފާސާ މަރުވާ ސީން އަކީ އެންމެންގެ ހިތްތަކުގައި ސްކާ އާ މެދު ނަފްރަތާއި ރުވިވެރިކަން އަދި މުފާސާ މަރުވެ، ސިމްބާއަށް ވާގޮތުން ހިތާމަ އުފެދޭ ސީން އެކެވެ. އެކަމަކު މި ސީން އުފެއްދުމަށް ސީޖީއައި އެނިމޭޓަރުންނަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ނެގި އެވެ. އަދި އެމީހުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް އަސަރު ގަދަ އެވެ.

6
 

ބިން ހެލުމެއް އައުމުން ޝޫޓިން މެދުކެނޑުނު

1994 ގައި ބިން ހެލުމެއް އައުމުން ޑިޒްނީ ސްޓޫޑިއޯ ބަންދުކުރަންޖެހި "ދަ ލަޔަން ކިންގް"ގެ ޕްރޮޑަކްޝަން މެދުކެނޑުނެވެ.

ޕްރޮޑަކްޝަން އަލުން ފެށުމުން، "ދަ ލަޔަން ކިންގް"ގެ ޓީމް ރެޔާއި ދުވާ މައްސައްކަތްކޮށް ނެރުނު ފިލްމަކީ މިހާތަނަށް ޑިޒްނީ އިން ހެދި އެންމެ މޮޅު ފިލްމްތަކުގެ ތެރެއިން އެއް ފިލްމެވެ.

7
 

ގިނަ ސީންތައް ހެދީ ހަގީގީ ތަންތަން ދިރާސާކޮށްގެން

މި ފިލްމްގެ ޓީމް ކެންޔާގެ ހެލްސް ގޭޓް ނެޝަނަލް ޕާކަށް ގޮސް، އެ ތަނުގެ މަންޒަރުތަކަށް ފުންކޮށް ދިރާސާ ކުރި އެވެ. އަދި މި ފިލްމްގައި ބޭނުންކޮށްފައިވާ ގިނަ ތަންތަނަކީ މި ދިރާސާގެ ނަތީޖާ އެވެ.