މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް ހަމަލާދީގެން އިތުރު މީހަކު ހައްޔަރުކޮށްފި

Sep 12, 2022
2

ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލާގައި މީގެކުރިން 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. މި ދެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.

މާލޭގެ ނަން މަޝްހޫރު ގުރޫޕަކުން ފުލުހުންނަށް ހަމަލާދިނީ މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިން އެ މީހުންގެ ނުރަސްމީ ގަޑީގައި ހިނގާފައި ދަނިކޮށެވެ.

ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ މިމައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންނަށް އަންގަވާފަ އެވެ.

ރާވައިގެން ހިންގާ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތައް މިފަދަ ހަމަލާއަކުން ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ދެއްވާފައިވެ އެވެ. ހަމަލާ ދިނުމުގައި ބައިވެރިވާ އެންމެން ހޯދާ އަދަބު ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުޖުތަމައަށް ހިދުމަތް ކުރުމަށްޓަކައި ފުލުހުންގެ ރައްކާތެރިކަމަށް ވެސް އިތުރު އެހީއާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މުޅި ނިޒާމު އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަނިޔާ ލިބުނު ފުލުހުންނަށް އޭޑީކޭގައި ފަރުވާ ދިން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.