މޯލްޑިވްސް ޕޮލިސް ސާވިސް

ގަލޮޅު ދަނޑު ހަމަނުޖެހުން: ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހުން ދޫކޮށްލައިފި

ގަލޮޅު ދަނޑުގައި ވިކްޓަރީ އާއި ކުޑަހެންވޭރު ސްޕޯޓްސް ބައްދަލުކުރި މެޗެއް ކުރިއަށް ދަނިކޮށް މިމަހުގެ ހަތްވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާއި މާރާމާރީއާއި ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންނަށް މައިގަނޑު ގޮތެއްގައި ފުލުހުން ތުހުމަތުކުރަނީ ޖަމާއަތް ހަދައިގެން ބިރުވެރިކަން އުފެދޭ ގޮތަށް މާރާމާރީގައި ބައިވެރިވި ކަމުގެ ކުށެވެ.

ފުލުހުން މިއަދު ބުނީ މިމައްސަލައިގައި 16 މީހުން ހައްޔަރުކުރި ނަމަވެސް މިވަގުތު ބަންދުގައި ތިބީ ތިން މީހުން ކަމަށެވެ.

ބަންދުގައި ތިބި ތިން މީހުންނަށް މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ބަންދަށް ޖަހާފަ އެވެ.

ފުލުހުން ބުނީ ދޫކޮށްލި 13 މީހުންގެ ތެރެއިން ބައެއް މީހުން ކޯޓުން ދޫކޮށްލާފައިވަނީ އެމީހުންނަށް ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ.

"މިމައްސަލަ އަދިވެސް ދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.

މާރާމާރީ ހިނގީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައެވެ. ހަމަނުޖެހުން ހިންގުމަށް ދަނޑު މައްޗަށް އެރި ސަޕޯޓަރުންގެ ބަޔަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދާއި އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ހަމަލާދީފަ އެވެ.