މިނިސްޓްރީ އޮފް ހެލްތު

11 ރަށެއްގައި އާ ފާމަސީ އަޅަނީ

ރާއްޖޭގެ 11 ރަށެއްގައި އާ ފާމަސީ ގާއިމުކުރުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އާ ފާމަސީތައް ގާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްޓީއޯ އަށެވެ.

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ހެލްތު ސެންޓަރުގެ އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށްފަހު އާ ފާމަސީތައް ގާއިމުކުރެވިގެންދާނީ ހެލްތު ސެންޓަރުގެ ގޯތިތެރޭގަ އެވެ.

އާ ފާމަސީތައް ގާއިމުކުރެވިގެންދާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ތުރާކުނު، ހއ. ތަކަންދޫ، ނ. ލަންދޫ، ބ. ދޮންފަނު، އދ. ދިގުރަށް، މ. ކޮޅުފުށި، މ. މަޑުއްވަރި، މ. ރަތްމަންދޫ، ތ. އޮމަދޫ، ގއ. ކަނޑުހުޅޫދޫ، ގއ. ކޮލަމާފުށްޓެވެ.

އެސްޓީއޯ އިން ހާމަކުރި ގޮތުގައި، ހެލްތު ސެންޓަރުގެ އިމާރާތުގެ ގޯތި ތެރޭގައި ފާމަސީ އެޅުމަށް ބޭނުންވާ ބިން މިހާރު ވަނީ ލިބިފަ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީ ގާއިމުކޮށް އާސަންދަ އިން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.