ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލާކަން އިއުލާންކޮށްފި އެވެ.
ފެޑެރާ ޓެނިހުން ރިޓަޔާ ކުރަން ނިންމާފައިވަނީ މި މަހު ލަންޑުގައި އޮންނަ ލެވާ ކަޕަށް ފަހު އެވެ.
އުމުރުން 41 އަހަރުގެ ފެޑެރާ އަކީ ޓެނިސް ތަރިއެއްގެ އިތުރުން ދުނިޔެ ދުށް ކުޅިވަރުގެ އެންމެ މަޝްހޫރު އެއް އެތުލީޓެވެ. ފެޑެރާ ކުޅުން ހުއްޓާލުމުގެ މައިގަނޑު ސަބަބަކީ އަނިޔާގެ މައްސަލަތައް ފުލުފުލުގައި ކުރިމަތިވުމެވެ.
ރިޓާޔާމަންޓް އިއުލާންކުރަމުން ފެޑެރާ ބުނީ އޭނާގެ ހަށިގަނޑުން މިހާރު ދޭ މެސެޖުން ރިޓަޔާކުރަން ޖެހޭކަން ވަރަށް ސާފުކަމަށެވެ.
"މިދިޔަ 24 އަހަރު އަހަރެން ކުޅެފިން 1500 އަށް ވުރެ ގިނަ މެޗު. މިހާރު މިއީ ވާދަވެރި މުބާރާތްތަކުގައި ވާދަކުރުން ހުއްޓާލަންވީ ވަގުތު" ފެޑެރާ ބުންޏެވެ.
ފެޑެރާ އަކީ 20 ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިއެކެވެ. އެކަމަކު މިދިޔަ ތިން އަހަރެއްހާ ދުވަހު އަނިޔާގެ ސަބަބުން ފެޑެރާ އަށް މުހިއްމު މުބާރާތްތަކެއް ގެއްލުނެވެ. މިދިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތަށް ފަހު ފެޑެރާ ވާދަވެރި މެޗެއް ކުޅެފައެއްނުވެ އެވެ. މިދިޔަ މުއްދަތުގައި އޭނާ ވަނީ ކަކުލުގެ ތިން އޮޕަރޭޝަނެއް ކޮށްފަ އެވެ. ވިމްބަލްޑަން މުބާރާތުގެ ކުއާޓާ ފައިނަލުގައި މިދިޔަ އަހަރު ފެޑެރާ ކެޓީ ހަބާޓް ހާކަކްޒްއާ ވާދަކޮށެވެ.
ގްރޭންޑް ސްލޭމްގެ ތާރީހުގައި ފެޑެރާ އަށް ވުރެ ކުރީގައި އުޅެނީ ދެ ކުޅުންތެރިއެކެވެ. އެއީ 22 ފަހަރު އެ ތަށި ކާމިޔާބުކުރި ރަފައެލް ނަޑާލް އާއި 21 ފަހަރު ޗެމްޕިއަންކަން ހޯދި ނޮވަކް ޖޮކޮވިޗެވެ.
"މިގޮތަށް ކުޅުން ހުއްޓާލަން ޖެހުނަސް އަހަރެން އުފާކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި. އަހަރެންނަކީ ދުނިޔޭގައި އެންމެ ނަސީބު ރަނގަޅު އެކަކު. އަހަރެންނަށް ޓެނިސް ކުޅުމުގެ ހުނަރު ލިބި މި ލެވެލްގައި އެތައް ދުވަހެއް ވަންދެން ކުޅުމުގެ ފުރުސަތު ލިބުނު" ޓެނިހުގެ ރަން ދުވަސްވަރު މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ކުޅުންތެރިޔާ ބުންޏެވެ.
ފެޑެރާ ވަނީ ކެރިއަރުގައި އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން އާއިލާއަށާއި، ސަޕޯޓަރުންނަށް އޭނާއާ ދެކޮޅަށް ކުޅުނު ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފަ އެވެ.
ޓެނިހުގެ ކެރިއަރު ފެޑެރާ ފެށީ އުމުރުން އެންމެ 16 އަހަރުގައި 1998 ވަނަ އަހަރު އެވެ. ފެޑެރާ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ޓައިޓަލް ކާމިޔާބުކުރީ 2003 ވަނަ އަހަރު އެވެ. ފެޑެރާ އެންމެ ފަހުން ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތަކީ 2018 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ.
20 ގްރޭންޑް ސްލޭމް މުބާރާތުގެ އިތުރުން ފެޑެރާ ވަނީ 103 ފަހަރު އޭޓީޕީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި އެއް ފަހަރު ޑޭވީސް ކަޕް ކާމިޔާބުކުރި އެވެ.
ފެޑެރާގެ ރިޓަޔަމަންޓާ ގުޅިގެން ކުޅިވަރުގެ ތަރިން އަންނަނީ އޭނާ އަށް ތައުރީފްގެ ބަސްތައް އޮއްސަމުންނެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ފެޑެރާ އަކީ ޗެމްޕިއަނުންގެ ޗެމްޕިއަނެކެވެ.