ކުޅިވަރު

ފެޑެރާގެ ޖަވާހިރެއް ފަދަ ކެރިއަރު ކަރުނައާ އެކު ނިންމާލައިފި

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ރަސްމީކޮށް ޓެނިސް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 41 އަހަރުގެ ފެޑެރާ ލަންޑަނުގައި މިހާރު ކުރިއަށްދާ ލެވާ ކަޕަށް ފަހު ކުޅުން ހުއްޓާލާނެކަން އިއުލާންކުރީ މިދިޔަ ހަފްތާގަ އެވެ. އެންމެ ލޯބިވާ ކުޅިވަރުން ފެޑެރާ އަލްވަދާއު ކިޔަން ޖެހުނީ ލެވާ ކަޕްގައި ކުޅުނު ޑަބަލްސް މެޗުން ބަލިވުމުންނެވެ.

ފެޑެރާއާ އެކު ޑަބަލްސް ޓީމުގައި ހިމެނުނީ ސްޕެއިންގެ ރަފައެލް ނަޑާލް އެވެ. މި ޕެއާ ރޭ ނުކުތީ އެމެރިކާގެ ޖެކް ސޮކް އާއި ފްރަންސެސް ޓިއާފޯއާ ދެކޮޅަށެވެ. މެޗުން ފެޑެރާގެ ޕެއާ ބަލިވީ 4-6 7-6 (7-2) 11-9 އިންނެވެ.

25 އަހަރުގެ ދިގު ކެރިއަރުގައި ފެޑެރާ ވަނީ ސިންގަލްސް އާއި ޑަބަލްސް ހިމެނޭހެން 1750 މެޗު ކުޅެފަ އެވެ.

މެޗުން ބަލިވުމާއެކު ފެޑެރާގެ ޓެނިހުން އަލްވަދާއު ކީކަން އިއުލާން ކުރުމާއެކު އެންމެންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ހާއްސަކޮށް ފެޑެރާއާ އެންމެ ގާތުން މުބާރާތްތަކުގައި ވާދަކުރި ނަޑާލަށް ވެސް ކަރުނަ ނުހިފެހެއްޓުނެވެ. ފެޑެރާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރުނުއިރު އޭނާގެ އާއިލާ ވެސް މެޗަށް ހާޒިރުވެ ތިއްބެވެ.

"އަހަރެން މިއަދު މިހުރީ އުފަލުން. ދެރަވެފައެއް ނޫން. މިއީ ވަރަށް ފުރިހަމަ ދަތުރެއް. އަހަރެން އަލުން މި ދަތުރު ފަށަށް ޖެހުނަސް އެކަން ކުރާނަން" ކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓު ބުންޏެވެ.

ފެޑެރާ ޓެނިހުގައި ވިދަމުން އައިސް ފަނޑުވީ އަނިޔާގެ ގިނަ މައްސަލަތައް ދިމާވުމުންނެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު ކަކުލުގެ ތިން އޮޕަރޭޝަން ފެޑެރާ ކުރަން ޖެހުނެވެ. އަދި މިދިޔަ އަހަރުގެ ވިމްބަލްޑަންގައި ޕޮލެންޑުގެ ހުބާޓް ހާކަޒް އަތުން ކުއާޓާ ފައިނަލުގައި ބަލިވި ފަހުން ފެޑެރާ ވާދަވެރި މެޗެއް ކުޅެފައެއް ނުވެ އެވެ.

އަނިޔާގެ ސަބަބުން 2020 ގެ ފަހުން ކުޅުނު 11 ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން ފެޑެރާ އަށް ވާދަކުރެވުނީ އެންމެ ތިން މުބާރާތުގަ އެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ މިދިޔަ ޖުލައި މަހު ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ފެޑެރާ އުއްމީދުކުރި އެވެ. އެކަމަކު އިތުރު ސްކޭންތައް ހެދުމުން އެނގުނީ ފެޑެރާ އަށް ކުޅުން ކުރިއަށް ނުގެންދެވޭނެ ކަމެވެ. އެއަށްފަހު ޓެނިހުން ރިޓަޔާ ކުރާނެކަން އިއުލާން ކުރަމުން ފެޑެރާ ބުނީ އޭނާގެ ހަށިގަނޑުން ވަރަށް ސާފުކޮށް ބުނެދެނީ އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށެވެ.

ވަދާއީ މެޗު ކުޅުނުއިރު ފެޑެރާ ކުޅޭތައް ބަލަން ލަންޑުގެ އެރީނާގައި 17500 މީހުން ތިއްބެވެ. މެޗު ބެލުމަށް ފެޑެރާގެ އަންހެނުން މީކާ އާއި ހަތަރު ކުރިންގެ އިތުރުން މަންމަ އާއި ބައްޕަ ތިއްބެވެ. ފެޑެރާ މެޗުގައި ކުރި ކޮންމެ މޫވްއަކަށް ސަޕޯޓަރުން ދިޔައީ ހިތްވަރު ދެމުންނެވެ. މެޗު ނިމުމުން ފެޑެރާގެ އާއިލާ ކޯޓަށް ގޮސް ހިތާމަ އާއި އުފަލުގައި ބައިވެރިވި އެވެ.

"މިތަނުގައި ތިބި އެންމެން. އަހަރެންގެ ފިރިހެން އަދި އަންހެން ކުދިން. އަހަރެންގެ އަންހެނުން ވަރަށް ސަޕޯޓް ދިން. އަހަރެން މި ކުޅިވަރު ހުއްޓާލަން އަންހެނުންނަށް މާ ކުރިން ވެސް ބުނެވުނީސް. އެކަމަކު އަންހެނުން ދިނީ ހިތްވަރު. އަހަރެން ކުރިއަށްދާން ބާރުދިން" އާއިލާ އަށް ޝުކުރު އަދާކުރަމުން ފެޑެރާ ބުންޏެވެ.

ފެޑެރާގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 103 އޭޓީޕީ ޓައިޓަލްސް އާއި 6 އޭޓީޕީ ފައިނަލުން މޮޅުވި އެވެ. ފެޑެރާ ވަނީ ޑޭވީސް ކަޕްގެ ޗެމްޕިއަންކަން ވެސް އެއް ފަހަރު ހޯދާފަ އެވެ. އެންމެ މޮޅަށް ކުޅުނު ދުވަސްވަރު ފެޑެރާ ވަނީ 310 ހަފްތާ ވަންދެން ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮވެފަ އެވެ.