ރޮޖާ ފެޑެރާ

ރަނގަޅު ހިންދީ ފިލްމެއް ފެޑެރާއަށް ބުނެދީބަލަ؟

ބަލާލަން ރަނގަޅު ހިންދީ ފިލްމެއް ބުނެ ދިނުމަށް ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އޭނާގެ ފޭނުން ކިބައިން އެދިއްޖެ އެވެ. ރޮޖާ ކުރި ޓުވީޓްގައި ބުނެފައިވަނީ ބޮލީވުޑް ކްލެސިކެއް ވިޔަސް މައްސަލައެއް ނެތް ކަމަށެވެ.

ބުދަ ދުވަހު ރޮޖާ ކުރި މި ޓުވީޓަށް މަދު ވަގުކޮޅެއްގެ ތެރޭގައި 3000 އަށް ވުރެ ގިނަ މީހުން ކޮމެންޓް ކުރި އެވެ.
ޝޯލޭ، ލަގާން، ދަންގަލް އަދި ޖޯދާ އަކްބަރް ބަލާށޭ ކިޔާފައި ކޮމެންޓްކުރި މީހާއަށް ރޮޖާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. ރޮޖާ ބުނި ގޮތުގައި އޭނާ އަދި އޮސްކާ ހޯދާފައިވާ "ސްލަމްޑޯގް މިލިނައާ" ވެސް ނުބަލަ އެވެ.

ރޮޖާ ބަލަން އޭނަގެ ފޭނުން ޚިޔާލު ދިން ފިލްމުތަކުގެ އެންމެ ކުރީގައި އުޅެނީ އާމިރު ޚާންގެ "ދަންގަލް" އާއި "ލަގާން" އެވެ. މި ދެ ފިލްމަކީ ވެސް ކުޅިވަރުގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމުތަކެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގިނަ މީހުން ރިކޮމެންޑްކުރި ގިނަ ފިލްމުތަކަކީ އާމިރު ޚާންގެ ފިލްމުތަކަށް ވުމެވެ. އޭގެ ތެރޭގައި "ތާރޭ ޒަމީން ޕަރް" އާއި "3 އިޑިއަޓްސް" ވެސް ހިމެނެ އެވެ.

ވަރަށް ފަހުން ރިލީޒްކުރި އަދި ނެޝަނަލް އެވޯޑު ހާސިލު ކޮށްފައިވާ އަޔޫޝްމާން ކުރާނާގެ "އަންދާދުން" ބަލަން ޚިޔާލުދިން މީހުން ވެސް ފުދޭ ވަރަކަށް ގިނަ އެވެ. އަދި ހޮރޯ-ކޮމެޑީ ފިލްމު "ސްތުރީ" ބަލާށޭ ވެސް އަނެއް ބަޔަކު ބުނެފައި ވެއެވެ.