އެމްޓީސީސީ

މާލޭގައި މިނީ ބަސް ދަތުރު އިތުރު ދެ ހަފުތާއަށް ހިލޭ

މާލޭގައި ދެމުން ގެންދާ މިނީ ބަހުގެ ހިދުމަތް އިތުރު ދެ ހަފުތާއަށް ހިލޭ ދިނުމަށް ނިންމައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ގޮތަށް ނިންމީ ބަސްތައް ދަތުރުކުރާ މަގުތަކާއި ޓިކެޓް ނެގުމަށް އާންމުން އަހުލުވެރިކުރުމުގެ ގޮތުންނެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުތައް ބޭއްވުމަށްފަހު މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަގު ނެގުމަށް އޭރު އޮތީ ނިންމާފައެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިނީ ބަހުގެ ދަތުރުތަކަށް ނަގަން ނިންމާފައިވަނީ ހަތް ރުފިޔާއެވެ. މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.