ބީއެމްއެލް އިން މާސްޓާކާޑާއި އެމްޓީސީސީ އާ ގުޅިގެން ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، އެމްޓީސީސީ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭ ގޮތަށް ހަދައިފި އެވެ. މި ސިސްޓަމް ގާއިމް ކުރަން ބިއެމްއެލް އިން މާސްޓާކާޑާއި އެމްޓީސީސީ އާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓާކާޑުން ހިންގާ ސްމާޓް ސިޓީސް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްރެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ލިބޭނެ އެވެ. އަދި ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ލިބި، ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯ ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ.
"މާސްޓާކާޑާއި އެމްޓީސީސީ އާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮޖެކްޓް މެދުވެރިކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެ." ނޭޖިން ޑައިރެކްޓަރު ޓިމް ސޯ ވިދާޅުވި އެވެ.
މާސްޓާކާޑުގެ ކަންޓްރީ މެނޭޖާ، ސްރީލަންކާ އެންޑް މޯލްޑިވްސް، ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކާރާއެކު އަލުން ޕްރޮޖެކްޓެއްގައި ބައިވެރިވެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. "މި ތައާރަފް ކުރެވެނީ އަޅުގަނޑުމެންގެ އޯޕަން ލޫޕް މާސްޓށކާޑު ޓްރާންސިޓް ސޮލިއުޝަންޝް ސިސްޓަމް" ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ސަބަބުން ހިދުމަތްދޭ ފަރާތަށް ހަރަދުތައް ކުޑަވާނެ ކަމަށާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބޭނެ ކަމަށް ރާޖޭޝް މަނީ ވިދާޅުވި އެވެ.