މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އިންޝުއަރެންސް ނުކުރާ އުޅަނދަކަށް ހިދުމަތް ނުދޭ ގޮތް ހަދަނީ

ތާޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ އުސޫލަށް ބަދަލު ގެނެސް އިންޝުއަރެންސް ނުކުރާ އުޅަނދަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސް ހިދުމަތެއް ނުދެވޭ ގޮތަށް ގަވާއިދުތައް ބަދަލުކުރަން ނިންމައިފި އެވެ.

އިންޝުއަރެންސް ނުކުރާ އުޅަނދުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސް ހިދުމަތެއް ނުދެވޭ ގޮތަށް ގަވާއިދުތައް ބަދަލުކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ރޭ އިފްތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގެ ދަށުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ތާޑް ޕާޓީ އިންޝުއަރެންސް ކުުރުމާއި އިންޝުއަރެންސުން ބަދަލު ލިބޭ އުސޫލުތައް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އިންޝުއަރެންސް ކަވަރޭޖާއި ނުލައި އުޅަނދު ރަޖިސްޓްރީ ނުކުރެވޭ ގޮތް ހެދުމާއި އިންޝުއަރެންސް ނުކުރާ އުޅަނދަކަށް މިނިސްޓްރީން އެއްވެސް ހިދުމަތެއް ނުދެވޭ ގޮތަށް ގަވާއިދު ބަދަލުކުރުން ހިމެނެ އެވެ.

މީގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.

މި ބަދަލުތަކާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އުޅަނދު ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ އިންޝުއަރެންސް ކަވަރޭޖް މިންވަރު އިތުރުވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.