ބަސް ދަތުރުތައް

މާލޭގެ ބަސްދަތުރުތަކަށް ގެންނާނީ އިލެކްޓްރިކް ބަސް: އެމްޓީސީސީ

މާލޭގައި މިނީ ބަސް ދަތުރު ކުރުމުގެ ގޮތުން ގެންނަން މަސައްކަތް ކުރަނީ ތެޔޮ އަޅަން ނުޖެހޭ ކަރަންޓް ޗާޖް ކުރެވޭ، އިލްކްޓްރިކް މިނީ ބަސް ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޓީސީސީ ޓަވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހު ވިދާޅުވީ، މާލެއަށް އިލެކްޓްރިކް ބަސް ގެނައުމުގެ ގޮތުން ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ބަސް ދަތުރުތަށް ސީދާ ފެށޭނެ ދުވަހެއް ބުނަން ނޭގެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއަށް އިލެކްޓްރިކް ބަސް ގެންނަން މަސައްކަތް ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތިމާވެއްޓާ ބެހޭ ސިޔާސަތުގެ ދަށުން، ތަރައްގީގެ ކަންތަށް ވިހާވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރުމަށް ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އެމްޓީސީސީ އަށް ބަހުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު އެވެ. މާލޭ އާއި ހުޅުމާލެ އަދި ބްރިޖް ހުރަސްކޮށް ދޭ ބަސް ދަތުރުގެ ހިދުމަތް ވަނީ އެމްޓީސީސީއާ މި ސަރުކާރުން ހަވާލުކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ، ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވިހެއުމުން މައިންނަށް ދޭ ހަމަސް ދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައިންނަށް ދޭ އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް އެކުންފުނިން މިހާރު ދިނުމަށް ނިންމާފައިވާ ކަމަށެވެ.