ދުނިޔެ

ބައެއް ބަދަލުތަކާ އެކު ލަންކާ ޕޯޓް ޕްރޮޖެކްޓް ފަށަން އެއްބަސްވެއްޖެ

ސްރީލަންކާގައި ޗައިނާއިން ކުރިއަށް ގެންދިޔަ ޕޯޓް ޕްރޮޖެކްޓް، ބައެއް އުސޫލުތަކަށް ބަދަލު ގެނެސް 1.4 ބިލިއަން ޑޮލަރުގެ އެޕްރޮޖެކްޓް އަނެއްކާވެސް ޗައިނާ އާއި ހަވާލުކޮށްފި އެވެ.

ޗައިނާއިން ކުރިއަށް ގެންދިޔަ އެޕްރޮޖެކްޓް މިދިޔަ އަހަރު ލަންކާ ސަރުކާރުން ހުއްޓުވީ އެ ޕްރޮޖެކްޓްގެ އުސޫލުތަކުގައި މައްސަލަ އުޅޭތީ އަދި ބައެއް ހުއްދަ ތަކުގައި މައްސަލަ އުޅޭތީ ކަމަށް ހަބަރުތައް ބުނެއެވެ. މި ޕްރޮޖެކްޓް ހުއްޓުވީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ވެރިކަމުގެ ކުރީކޮޅު، މިދިޔަ މާޗް މަހު އެވެ.

މި ޕްރޮޖެކްޓަކީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ މައި ޕޯޓުގެ ކައިރީގައި އެޕާޓްމެންޓް ތަކަކާއި، ޝޮޕިން މޯލް ތަކެއް އަދި ފެނުގެ ކުޅިވަރުތައް ކުޅެވޭނެ އެރީނާތައް ހެދުމަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްގެ ދަށުން ގޮލްފް ކޯހަކާއި، ހޮޓެލްތައް އަދި މެރީނާ ތައްވެސް އަޅާނެ އެވެ.

ލަންކާގެ ޓްރޭޑް މިނިސްޓްރީން ދެވަނަ ފަހަރަށް ޗައިނާއަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައި މިވަނީ އޭޝިޔާ ސަރަހައްދުގައި ޗައިނާގެ ޕްރޮޖެކްޓްތަކުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭޝިޔާގެ ގައުމުތަކުގައި ޗައިނާއިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ފެށުމުން އިންޑިއާ އާއި އަވަށްޓެރި ގައުމުތަކުގެ ގުޅުންތައްވަނީ ހީނަރުވެފަ އެވެ.

ރާއްޖޭގައިވެސް ޗައިނާއިން ތަފާތު ޕްރޮޖެކްތްތައް ކުރިއަށް ގެންދަން ފެށުމުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުންވެސް ވަނީ ހީނަރުވާން ފަށާފަ އެވެ.

މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް 2014 ވަނަ އަހަރު ފައްޓަވައިދެއްވާފައިވަނީ ޗައިނާގެ ރައީސް ޒި ޖިންޕިންގ އެވެ.