ކްރިމިނަލް ކޯޓް

ނަދީމްގެ މަރު: އަންނަ ހަފްތާ ހުކުމްކުރަނީ

Sep 19, 2022

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް އަންނަ ހަފުތާގައި ހުކުމް ކުރާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މި މީހުންގެ މައްޗަށް ދައުވާކުރަން މީގެކުރިން ވެސް ދެ ފަހަރަށް ތާވަލްކުރި އެވެ. އެގޮތުން މިމައްސަލާގެ ހުކުމް ކުރަން އެންމެ ފުރަތަމަ ނިންމީ މިދިޔަ މާޗް މަހު އެވެ. އޭގެފަހުން މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ވެސް ހުކުމް ކުރަން ތާވަލްކުރި އެވެ. ކޯޓުން މިހާރު ނިންމާފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ހުކުމް ކުރާށެވެ.

މިމައްސަލައިގައި ދައުވާ ލިބޭ މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.

މި މައްސަލަ ހުކުމާ ހިސާބަށް އައިސްފައިވާއިރު، މައްސަލަ ހިނގަމުންދިޔައިރު އެކި ދުވަސްވަރު އެކިއެކި ހާދިސާތައް ވަނީ ހިނގައިފަ އެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން 11 ސިއްރު ހެކިން ހުށަހެޅި ނަމަވެސް ހެކިންނަށް ބިރުދައްކަން ފެށުމުން ބައެއް ހެކިވެރިން ދައުލަތަށް އެއްބާރުލުން ދިނުން ހުއްޓައިލީ ކަމަށެވެ.

މި މައްސަލައިގައި ބައެއް ހެކިވެރިން ހެކިބަސް ދިނުމާ ގުޅިގެން މާލެ ތެރޭގައި މާރާމާރީތަކެއް ވެސް ހިންގާފައިވެ އެވެ. އަދި ނަދީމް މަރާލީ މަފާޒު ކަމަށް ބުނެ ހެކިބަސް ދީފައިވާ ދެ މީހަކު ފަހުން އެމީހުންނަށް ހެކިބަސް ދެވުނީ ނޭނގުމެއްގެ ތެރޭގައި ކަމަށް ބަޔާންކޮށް ކޯޓަށް ސިޓީތަކެއް ވެސް ފޮނުވާފައިވެ އެވެ. އެކަމަކު އެ ދެ ސިޓީގައި ވެސް ބަޔާންކޮށްފައިވަނީ އެއް ވާހަކަތަކެއް ކަމުން އެ ސިޓީތަކާ މެދު ދައުލަތުން ވަނީ ސުވާލު އުފައްދާފަ އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ހޮސްޕިޓަލަށް ގެންދިއުމަށްފަހު ދެ ދުވަހު ފަރުވާ ދިން އިރުވެސް އޭނާ ހެއެއް ނާރަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ދައުލަތުން ބުނެފައިވަނީ ނަދީމްގެ ސިކުނޑީގެ އެއްބައި ބޮލުގެ ނާށިގަނޑުން ބޭރަށް ނިކުމެފައިވާ ކަމަށާއި ސިކުނޑި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.