ދުނިޔެ

ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި 14 މީހުން މަރާލައިފި

ޕާކިސްތާނުގެ ކުއެއްތާ ޕްރޮވިންސްގެ ސިޓީއެއްގައި ހުންނަ ޕޯލިއޯ ސެންޓަރެއް ކައިރީ ބޮމެއް ގޮއްވާލައި 14 މީހުން މަރާލައިފި އެވެ.

ޕާކިސްތާނު ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުގައި މިހަމަލާގައި 20 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެމީހުންނަށް މިހާރުދަނީ ކުއެއްތާގެ މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުން ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ. މަރުވި ފުލުހުންނަކީ ޕޯލިއޯ އާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން ތަމްރީނު ކުރަން މަސައްކަތް ކުރަމުން ދިޔަ ބައެކެވެ.

މި ހަމަލާ ދީފައިވަނީ އެ ޕްރޮވިންސްގައި ޕޯލިއޯ އަށް ދެކޮޅަށް މިދިޔަ ހޯމަ ދުވަހު ކެމްޕޭނެއް ފަށާފައި ވަނިކޮށެވެ.

މިދިޔަ އަހަރުވެސް ޕާކިސްތާނުން ޕޯލިއޯގެ 49 ކޭސް އެއް ރިިޕޯޓު ކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެ އެވެ. އެއީ 2014 ވަނަ އަހަރާއި ބަލާއިރު އެތައް ގުނައެއް މަދު އަދަދެކެވެ. އެއަހަރު ޕާކިސްތާނުން ޕޯލިއޯގެ 282 ކޭސް އެއް ރިޕޯޓުކޮށްފައިވެ އެވެ.

މިކެމްޕޭން ފެށުމާއެކު ހައްދު ފަހަނައަޅާފައިވާ ހަތިޔާރު ޖަމާއަތް، ތާލިބާނުން ވަނީ ނުރައްކާތެއް ކުރިމަތިކޮށްފަ އެވެ.