ކްރިމިނަލް ކޯޓް

ހަށިގަނޑުގައި ފޮރުވައިގެން ރަން ގެނައި މީހަކު ޖޫރިމަނާކޮށްފި

Sep 19, 2022
ކްރިމިނަލް ކޯޓް: ހަށިގަނޑުގައި ފޮރުވައިގެން ރަން ގެނައި މީހަކު ކޯޓުން ވަނީ ޖޫރިމަނާކޮށްފައި -- ފޮޓޯ: ކްރިމިނަލް ކޯޓު
0%
0%
0%

ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރި މީހަކު ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށް ސާބިތުވެފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަކްޝޭކުމާރް ސުރޭޝްބާއީ ބަޓްގެ މައްޗަށެވެ.

ދައުވާގެ ހުލާސާގައިވާ ގޮތުން އަކްޝޭކުމާރް ސުރޭޝްބާއީ، މިއަހަރުގެ ޖުލައި 19 ވަނަ ދުވަހު ރާއްޖެ އައި އިރު އޭނާގެ ހަރަކާތްތައް ހުރި ގޮތުން ޝައްކުކުރެވިގެން ބޮޑީ ސްކޭން މެޝިނުން އޭނާގެ ހަށިގަނޑު ސްކޭން ކުރިއިރު، އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިކަން ފާހަގަކުރެވުނެވެ.

އެ ތަކެއްޗާ ގުޅޭ ގޮތުން ކަސްޓަމްސް އޮފިސަރުން ސުވާލުކުރުމުން އެއީ ރަން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ހަށިގަނޑުގައި ފޮރުވާފައިވާ ތަކެތި އޭނާ އަމިއްލައަށް ނެގުމަށް އެއްބަސްވެ، ކަސްޓަމްސް ހެޑް އޮފީހުގެ ފާހާނާއަށް އެ ދުވަހު އޭނާ ބޮޑުކަމުދިޔައިރު ބޭރުވި ދެ ބުލެޓްގައި ހުރި ތަކެތި ތަހުލީލުކުރިިއިރު އެތަކެތީގައި ރަން ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކާކަމަށް ދައުވާގެ ހުލާސާގައިވެއެވެ.

ދައުވާއަށް އަކްޝޭކުމާރް ސުރޭޝްބާއީ ވަނީ އިއުތިރާފުވެފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ހުކުމްކުރެއްވީ އަކްޝޭކުމާރް ސުރޭޝްބާއީ 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ހަލާސްކުރުމަށްވެސް އަކްޝޭކުމާރް ސުރޭޝްބާއީގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

އޭނާ ރާއްޖެ އެތެރެކުރި ރަން ދައުލަތަށް ނެގުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910