ކްރިމިނަލް ކޯޓް

ދިރުވާލައިގެން ރަން ގެނައި މީހަކު ޖޫރިމަނާކޮށްފި

ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ނާޒިމްގެ މައްޗަށެވެ.

ދައުވާގެ ހުލާސާ ބަޔާނުގައިވާ ގޮތުން ނާޒިމް ރާއްޖެ އައީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު ހެނދުނު 8:00 ހާއިރުއެވެ.

އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވުނު ކަމަށާއި އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރި ކަމަށް އެއްބަސްވެ، އެ ދުވަހު އޭނާ ބޮޑުކަމު ދިޔައިރު ދެ ބުލެޓު ބޭރުވި ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރަނާއި އެނޫންވެސް މާއްދާތައް ހިމެނޭ މިކްސްޗަ ހުރިކަމަށް ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓުން ދައްކާ ކަމަށްވެސް ދައުލަތުގެ ބަޔާނުގައިވެ އެވެ. އެ ދައުވާގައި ހިމެނޭ ރަން، މޯލްޑިވްސް ކަސްޓަމްސްއަށް ނަގައިދިނުމަށްވެސް ދައުލަތުން އެދިފައިވެ އެވެ. ދައުލަތުގެ ދައުވާއަށް ނާޒިމު ވަނީ އިއުތިރާފުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހް ހުކުމްކުރެއްވީ ނާޒިމް 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

އެ ފައިސާ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްގައިވެ އެވެ. ނާޒިމް އެތެރެ ކުރި ދެ ބުލެޓުގައި ހިމެނޭ ރަން ކަސްޓަމްސްއަށް ނެގުމަށްވެސް ހުކުމްގައިވެ އެވެ.

ރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކޮށްފިނަމަ ނުވަތަ ރާއްޖެއިން ސިއްރުން މުދާ ބޭރުކޮށްފި މީހެއްގެ އަދަބަކީ ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000 ރުފިޔާ އާއި 240،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުުރުމެވެ.

ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެ ކުރި އިންޑިއާގެ އެހެން ރައްޔިތަކަށް ވެސް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިމަހު ވަނީ ހުކުމްކޮށްފަ އެވެ. އޭނާވެސް ބޮޑުކަމު ދިޔައިރު ދެ ބްލެޓް ބޭރުވި އެވެ. އޭނާވެސް ޖޫރިމަނާކޮށްފައިވަނީ 60،000 ރުފިޔާއިންނެވެ. އޭނާ ގެނައި ރަން ވެސް ދައުލަތަށް ނެގުމަށް ހުކުމްކޮށްފައިވެ އެވެ.