ދުނިޔެ

ނުރައްކާތެރި ވެގްނާ ގުރޫޕް ޔުކްރޭން ހަނގުރާމައަށް

ރަޝިއާގެ ޕެރަމިލިޓަރީ އޮގަނައިޒޭޝަން ނުވަތަ ހަނގުރާމަވެރި ގުރޫޕެއް ކަމުގައިވާ ވެގްނާ ގްރޫޕް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަނގުރާމަތަކުގައި ރަޝިއާގެ މަސްލަހަތު ހިމެނޭ ފަރާތްތަކާއި އެއްކޮޅަށް ހަނގުރާމަތަކުގައި ބައިވެރިވާ ގްރޫޕެކެވެ. ކުލީ ސިފައިންގެ މި ގުރޫޕުން ވަނީ މީގެ ކުރިން ސީރިއާ، ލީބިޔާ އަދި މާލީ ފަދަ ގައުމުތަކުގައި ރަޝިއާގެ އެކުވެރި ސަރުކާރުތަކާ އެއްކޮޅަށް ހަނގުރާމަތަކުގައި ބައިވެރިވެފަ އެވެ.

ވެގްނާ ގުރޫޕަކީ މިއިން ކޮންމެ ހަނގުރާމައެއްގައި ވެސް ލާއިންސާނީ އެތައް އަމަލުތަކެއް ހިންގުމުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭ ނުރައްކާތެރި ގުރޫޕެކެވެ. ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް އަށް މަސް ފުރެމުންދާއިރު ރަޝިއާގެ މި ގުރޫޕުން ވަނީ މިހަނގުރާމައިގައި ވެސް ރަޝިއާއަށް ވާގިވެރިވުމުގެ ގޮތުން ބައިވެރިވެފަ އެވެ.

ރަޝިއާގެ ބާރުގެ ދަށަށް 2014 ވަނަ އަހަރު ގެނެވުނު ޔުކްރޭންގެ ކްރައިމިއާގައި ބަޣާވާތްކުރި މީހުންނާ އެއްކޮޅަށް ވެސް މި ގުރޫޕުން ވަނީ މަސައްކަތްކޮށްފަ އެވެ. ރަޝިއާގައި އަސްކަރީ އަމިއްލަ ކުންފުނިތަކާއި ގުރޫޕްތައް ހިންގުމަކީ ގާނޫނު ތަންދޭ ކަމެއް ނޫނެވެ. އެހެންކަމުން ވެގްނާ ގުރޫޕަކީ ރަޝިއާގެ ގާނޫނު ރަސްމީކޮށް ދަންނަ ގުރޫޕެއް ނޫނެވެ. އަދި އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮންނަ ގުރޫޕެއް ވެސް ނޫނެވެ. އެކަމަކު ރަޝިއާގައި މި ގުރޫޕް ހަރަކާތްތެރިވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ޕޫޓިންގެ އަމުރުގެ ދަށުގައި ތިބެ ޕޫޓިންގެ ސިއްރު އޮޕަރޭޝަންތައް ހިންގައިދޭ ބައެކެވެ.

ވެގްނާ ގުރޫޕްގެ އަސްލު ވެރިޔާ އަދި މިގުރޫޕަށް ފަންޑު ކުރާ ކަމުގެ ތުހުމަތުވާ ޔެވްގެނީ ޕްރިގޯޒިން އަކީ ޖޫން 1، 1961 ވަނަ އަހަރު ލެނިންގްރާޑަށް އުފަންވި ރަޝިއާގެ މަހުޖަނެކެވެ. އޭނާ އަކީ ޕޫޓިން އާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުމާއި އެކު އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގައި ޔެވްގެނީ ޕްރިގޯޒިންގެ ކުންފުނިތަކާއި ހިއްސާ އޮންނަ ކުންފުނިތަކަށް ވަނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ވެގްނާ ގުރޫޕްގެ ސިއްރު ވެރިޔަކީ ޔެވްގެނީ ޕްރޮގޯޒިން ކަމަށް ދުނިޔެ ތުހުމަތު ކުރަމުން ދަނިކޮށް އެ ތުހުމަތަށް ބާރު ލިބޭ ވީޑީއޯއެއް މިހާރު ވަނީ ލީކްވެފަ އެެވެ.

ވީޑިއޯގައި ފެންނަނީ ރަޝިއާގެ މެދުތެރޭ ހިސާބެއްގައި ހަދާފައިވާ ޖަލެއްގެ ތެރޭގައި ޔެވްގެނީ ޕްރިގޯޒިން ގިނަ އަދަދެއްގެ ކުށްވެރިންނާ މުހާތަބްކޮށް ވާހަކަދައްކާ މަންޒަރެވެ. ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ބައިވެރިވެ ހަނގުރާމަ ކުރުމުން އެމީހުންނަށް ކޮށްފައިވާ ޖަލު ހުކުމްތަކުން ސަލާމަތް ވެދާނެ ކަމަށް އޭނާ ބުނެ އެވެ.

ވީޑިއޯގައި ޕްރިގޯޒިން ބުނާ ގޮތުގައި އެންމެ ހަމަސް ދުވަހު ޔޫކްރެއިން އާއި ދެކޮޅަށް ހަނގުރާމަކޮށްފައި އެނބުރި އަންނަ ކޮންމެ ގައިދީ އަކު މިނިވަންވާނެ އެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނަށް ގޮސް އެތަނުން ފިލަން މަސައްކަތްކޮށްފިނަމަ އެމީހެއްގެ އަދަބަކީ މަރަލާލުން ކަމަށެވެ. އަދި ތަންތަން ލޫޓުވުމާއި ޖިންސީ ގުޅުން ހިންގުން ފަދަ ކަންކަން މި މީހުންނަށް ވަނީ މަނާކޮށްފަ އެވެ.

ޕްރިގޯޒިން ބުނާ ގޮތުގައި ހަނގުރާމައިގައި ބައިވެރިވުމުގެ އެންމެ މުސްކުޅި އުމުރަކީ 50 އަހަރެވެ. ނަމަވެސް މިއުމުރަށް ވުރެ ދޮށީ ގައިދީއަކު ހަނގުރާމާއިގައި ބައިވެރިވާން އެދޭ ނަމަ އެމީހެއްގެ ދުޅަހެޔޮކަމަށް ބަލައި ބައިވެރި ކުރެވޭ ބޭސިކް ޓެސްޓް ތަކުން ފާސްވާނަމަ އެމީހަކަށް ހަނގުރާމައިގައި ބައިވެރި ވެވޭނެ އެވެ. އެންމެ ދަށް އުމުރުގެ ގޮތުގައި ކަނޑައަޅާފައިވާ 22 އަހަރަށް ވުރެ ދަށް އުމުރުގެ ޒުވާނަކު މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ނަމަ އެމީހެއްގެ ބެލެނިވެރިޔާގެ ހުއްދަ އޮތް ކަމުގެ ސިޓީއެއް ހުށަހަޅަން ޖެހެ އެވެ.

ޕްރިގޯޒިންގެ ބުނީ ޔޫކްރެއިންގެ ހަނގުރާމައިގެ މައިދާނުގެ ހާލަތު ވަރަށް އުނަދަގޫ އަދި ސީރިއަސް ކަމަށާއި އާންމު އެހެން ހަނގުރާމަތަކާއި ތަފާތު ކަމަށެވެ. ސްޓާލިންގްރާޑްގެ މައިދާނުގައި ބޭނުންކުރި ހަތިޔާރުގެ ދެގުނައަށް ވުރެ ބޮޑަށް ޔޫކްރެއިންގައި ހަތިޔާރު ބޭނުންކުރަންޖެހިފައިވާ ކަމަށެވެ.

ހަނގުރާމައިގެ މައިދާނަށްދާ ގައިދީންނަށް ކުރެވޭނެ އެންމެ ބޮޑު ކުށްތަކަކީ ފަހަތަށް ޖެހި ފިލަން މަސައްކަތް ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ލޫޓުވުމާއި ޖިންސީ އެދުން އެއްވެސް އަންހެނަކާއި ނުވަތަ ފިރިހެނަކާއި ނުވަތަ ޖަނަވާރަކާއި އެކު ނަމަވެސް ހިންގުމެވެ. އެއްވެސް މީހަކު ފަހަތަށް ޖެހި ނުވަތަ ދިރިހުއްޓައި ހައްޔަރު ވެގެން ނުވާނެ ކަމަށްވެސް އެންގި އެވެ. ހައްޔަރުވާ ހަލަތުގައި ބޭނުންކުރަން ދެ ގްރެނޭޑް ކޮންމެ މީހަކު އަތަށް ލިބޭނެ ކަމަށާއި އެ ބޭނުން ކުރާނެ ގޮތް ގައިދީންނަށް ދެވޭ ތަމްރީންގައި ދަސްކޮށް ދެވޭނެ ކަމަށްވެސް ޕްރިގޯޒިން ބުނެފައިވެ އެވެ.

މި ޕްރޮގްރާމްގެ ހަ މަސް ދުވަހަކީ ބައިވެރިވާ ފަރާތުން ކޮންބެޓް ޒޯންގައި ހޭދަކުރާ ހަމަސް ދުވަސްކަން ފާހަގަކޮށް ޕްރިގޯޒިން ވަނީ މަސްތުވާތަކެތި މި މުއްދަތުގައި ބޭނުން ނުކުރަން އަންގާފަ އެވެ. މި ޕްރޮގްރާމްގައި ކޮންމެ ކަހަލަ ހުކުމެއްގައި ހުރި މީހަކަށް ވެސް ބައިވެރިވެވޭއިރު އެމީހުން ރެކްރޫޓް ކުރުމުގައި ވަރަށް ބޮޑަށް ސަލާލުވާނެ ކަމަށް ޕްރިގޯޒިން ބުނެ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވެގެން ގައިދީންނަށް މިނިވަންކަން ހޯދިދާނެ ކަމަށް ޕްރިގޯޒިން ބުނި ނަމަވެސް އެއީ ރަޝިއާގައި ގާނޫނުތަކުގައި ކުށްވެރިންނަށް މައާފް ލިބޭ ގޮތެއް ނޫނެވެ. ޕްރިގޯޒިންގެ މި ވީޑިއޯ އާންމުވުމާ އެކު ރަޝިއާގެ އިދިކޮޅު ލީޑަރަށް ސަޕޯޓަރު ކުރާ ބަޔަކު ވަނީ ޕްރިގޯޒިން ދައްކާ ވާހަކަތައް ސަބްޓައިޓަލް ކޮށްގެން އަލުން އެ ވީޑިއޯ އާންމުކޮށްފަ އެވެ.


ވީޑިއޯ ވައިރަލްވުމާ ގުޅިގެން ވެގްނާ ގުރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ފަރާތުން ބަޔާނެއް ޕޯސްޓްކޮށްފަ އެވެ. ބަޔާންގައި ބުނެފައިވަނީ އޭނާ އަކީ ޖަލަށް ލާފައިވާ ގައިދީއެއް ނަމަ އޭނާގެ ހުވަފެނަކަށް ވާނީ ވެގްނާ ގްރޫޕްގެ ހުށަހެޅުން ގަބޫލުކޮށް އުފަން ބިމަށް އަދާކޮށް ދޭންޖެހޭ ދަރަނި އަދާކޮށްދިނުން ކަމަށެވެ.

ވީޑިއޯގައި ގައިދީންނަށް އޭނާ ހުށަހަޅާފައިވާ ހުށަހެޅުންތަކާ ދެކޮޅު މީހުންނަށް ޕްރިގޯޒިން ބުނެފައިވަނީ އަމިއްލަ އަސްކަރީ މަސައްކަތްތައް ކުރާ ކުންފުނިތަކާއި ގައިދީން ހަނގުރާމައިގައި ބައިވެރިވުމާއި ދެކޮޅު ނަމަ އެމީހެއްގެ އަމިއްލަ ދަރީން ހަނގުރާމައަށް ފޮނުވުމަށެވެ. މި ބަޔާނުގައި ލީކުވެގެން އުޅޭ ވީޑިއޯގެ ސައްހަކަމާ މެދުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދަ ޓައިމްސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ނަމަ މިހާތަނަށް 10،000 ގައިދީން ވަނީ ރަޝިއާގެ ސްޕެޝަލް މިލިޓަރީ އޮޕަރޭޝަނަށް ރެކްރޫޓް ކޮށްފަ އެވެ. އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ރަޝިއާއަށް މިހާރު ވަނީ ހަނގުރާމަ ކުރާނެ ސިފައިންނާއި ބައެއް ވަސީލަތްތައް ލިބުމުގައި ދަތިކަމެއް ކުރިމަތިވެފަ އެވެ. އެހެންވެ އެކަން ފޫބެއްދުމަށް ގައިދީން ރެކްރޫޓް ކުރަން މަޖުބޫރުވެ އެކަން ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

މީގެ ކުރިން ރަޝިއާގެ ރައީސް ޕޫޓިން ވަނީ ވެގްނާ ގްރޫޕާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ލީކްވެފައިވާ ވީޑިއޯގައި ޔެވްގެނީ ޕްރިގޯޒިން، އޭނާ އަކީ ވެގްނާ ގުރޫޕް ތަމްސީލް ކުރާ މަންދޫބެއް ކަމަށް ބުނާ އަޑު ވަރަށް ސާފުކޮށް އިވެ އެވެ.