ލިޔުނީ: އާމިނަތު ޒީޝާން އަލީ
އެއީ ދުނިޔެއަށް އުފަންވީންސުރެން އެމީހުންގެ ހަމައެކަނި ވަޒަނެވެ. ކާބަފައިން ވަޅުލެވިފައިވާ ބިމެވެ. މުޅި އުމުރު ހޭދަވި ތަނެވެ. ނަމަވެސް އެމީހުންގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އެބިމަކު ނުވެ އެވެ. އެއްވެސް ރައްކާތެރިކަމެއް އެމީހުންނަށް އެތަނަކުން ލިބުމެއް ނެތެވެ. ސިއްހީ ފަރުވާއާއި ތައުލީމަކީ އެމީހުންނަށް އެބިމަކުން ލިބޭ ހައްގެއް ނޫނެވެ. އަދި ދިރިއުޅެމުންދާ ވަކި ސަރަހައްދަކުން ބޭރަށް ދިއުމަކީ ހުއްދަ ކަމެއް ނޫނެވެ. މިއީ މިޔަންމާގެ ރޮހިންގާ މުސްލިމުންނެވެ.
އެއްހާސް އަހަރުވެފައިވާ ސަގާފަތަކާއި ތާރީހެއް އޮތް ކަމަށް ރޮހިންގާ މުސްލިމުން ބުނާއިރު މިޔަންމާ އިން ދެކެނީ އެމީހުންނަކީ ގާނޫނާއި ހިލާފަށް ބަންގްލަދޭޝް އިން މިޔަންމާ އަށް ހިޖުރަކުރި ކުރި ބައެއްގެ ގޮތުގަ އެވެ.
މިޔަންމާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިޔަންމާގައި 132 ނަސްލެއްގެ މީހުން ދިރިއުޅޭ ކަމަށާއި އެކަމަކު ރޮހިންޔާ ނަސްލުގެ މީހުން އެ ލިސްޓްގައި ނުހިމެނޭ ކަމަށެވެ. އަދި ތާރީހީ ގޮތުން ބެލި ނަމަވެސް އެއްވެސް އިރެއްގައި ރޮހިންޔާ ނަސްލުގެ މީހުން މިޔަންމާގެ އާބާދީ ތެރޭގައި ނެތް ކަމަށްވެސް ބުނެފައިވެ އެވެ.
މިޔަންމާރުގެ އަސްކަރިއްޔާ އިން އޮގަސްޓް 25، 2017 ވަނަ ދުވަހު ފެށި "ކްލިއަރެންސް އޮޕަރޭޝަން" އަކީ މި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ އަނިޔާވެރި ގަތުލުއާންމެވެ. ކުޑަކުއްޖެ ޒުވާނެއް މުސްކުޅިއެއް ބެލުމެއް ނެތި ރޮހިންޔާގެ މުސްލިމުންނަށް ކުރަމުން ގެންދިޔަ އަނިޔާ އަކީ އަނިޔާވެރިކަމުގެ ވެސް އިންތިހާ ދަރަޖަ އެވެ. އެމީހަކީ ރޮހިންގާ ނަސްލުގެ މީހެއް ކަމަށް ބުނި ކޮންމެ މީހެއްގެ އަދަބަކަށްވީ މަރެވެ. އެއްވެސް ހަތިޔާރެއް އާރެއް ބާރެއް ނެތް މުސްލިމުންގެ އަވަށްތަކުގައި ދިޔައީ ހުޅުޖަހަމުންނެވެ.
އާރެއް ބާރެއް ނެތް ނިކަމެތި ރޮހިންގާ މުސްލިމު އަންހެނުންގެ އިއްފަތްތެރިކަން ދިޔައީ ނިގުޅައިގަންނަމުނެވެ. އަލިފާނެއް ފެނެއް ވަކިނުވާ ކުޑަކުދިންގެ ކަރުގައި ވާޖަހާ ބުދިސްޓް ފާދިރީންނަށް ސަޖިދަ ޖެހުމަށް މަޖުބޫރުކުރަމުން ގެންދިޔަ އެވެ. ކުދިކޮށް ކޮށާ ކުނިތަކެއްހެން އެއް ވަޅުގަނޑަކަށް އަޅާލި މުސްލިމުންގެ ހަށިތަކުގެ ސާފު އަދަދެއް ނޭނގެ އެވެ.
ކުޅޭ އެއްޗެއް ހެން އަތުގެ ކޮޅަށް އުފުލާލައިފައި ބިންމަތީ ޖެހިޖެހީނުން މައުސޫމު ކުދިންގެ ފުރާނަތައް ދުއްވާލާފައިވާއިރު އެ މަންޒަރުތައް ވީޑިއޯކޮށް އެމީހުން ދިޔައީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެ ވީޑިއޯތައް އާންމުވެސް ކުރަމުންނެވެ. ރޮހިންޔާ ނަސްލަށް ނިސްބަތްވުން ނޫން ކުށެއް އެމީހުންގެ ނެތެވެ.
މަރުވުން ނުވަތަ ރެފިއުޖީންގެ ގޮތުގައި މިޔަންމާ އިން ފޭބުން ނޫން ގޮތެއް ނެތް ރޮހިންގާ މުސްލިމުން ވަނީ ބަންގްލަދޭޝް އާއި ކައިރި އެހެން ގައުމުތަކަށް ހިޖުރަކުރަން މަޖުބޫރުވެފަ އެވެ. މިއީ 1994 ވަނަ އަހަރު ހިނގި ރުވަންޑާ ގަތުލުއާންމަށްފަހު އެންމެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކުރި ކުރުމެވެ.
އޮކްޓޯބަރު 2017 ގައި ރޮހިންޔާ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް ހަ ލައްކަ މީހުން ހިޖުރަކޮށްފައިވެ އެވެ. މީގެ ތެރޭގައި 50 އިންސައްތައާއި ގާތްކުރާ އަދަދަކީ ހަމައެކަނި ކުޑަކުދީންނެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި އޮންނަ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ރޮހިންޔާ ނަސްލުގެ މީހުންގެ އަދަދު މިހާރު މިލިއަނަކާއި ގާތް ކުރާއިރު މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ.
މި ކޭމްޕްތަކަކީ އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި ކެއުމާއި ބޭސް ފަރުވާ ލިބެން ހުރި ތަން ތަނެއް ނޫނެވެ. ތޮއްޖެހިފައިވާ މިކޭމްޕްތަކުގައި އުޅޭ ރެފިއުޖީންގެ ހާލަތު ގޯސް އިރު ބަންގްލަދޭޝް އަށް ކުރާ މޫސުމީ ވިއްސާރައިގައި އެންމެ ހާލުގައި ޖެހޭ ބަޔަކީ މި ކޭމްޕްތަކުގައި ދިރި އުޅޭ ރެފިއުޖީންނެވެ.
ޔޫއެންއެޗްސީ އާރުން ވަނީ ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޮހިންޔާ މުސްލިމުންގެ ދަފްތަރެއް 2019 ވަނަ އަހަރު އެކުލަވާލާފަ އެވެ. މިއީ ރޮހިންޔާ ނަސްލުގެ މީހުންނަށް ފުރަތަމަ ފަހަރަށް ލިބުނު އައިޑެންޓިޓީ އެކެވެ. އަދި މި ލިޔުމަކީ މިޔަންމާގެ ހާލަތު ބަދަލުވާ ހިނދެއްގައި އެމީހަކު އަމިއްލަ އަށް އެނބުރި މިޔަންމާ އަށް ދާން އެދޭ ނަމަ ބޭނުން ކުރެވޭނެ ލިޔެކިޔުމެކެވެ. ނަމަވެސް މިހާތަނަށް މިޔަންމާގެ ރޮހިންގާ މުސްލިމުން އެނބުރި އެ ގައުމަށް ވަނުމަށް މިޔަންމާ ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.
ޔުނައިޓެޑް ނޭޝަންސްގެ ފެކްޓް ފައިންޑިން މިޝަންގެ އިންވެސްޓިގޭޓަރުން ވަނީ އެމީހުން 2018 ވަނަ އަހަރު އެކުލަވާލި ރިޕޯޓްގައި މިޔަންމާގެ އިސް ޖެނެރަލުން، ގަތުލުއާންމު ހިންގުމާއި ލާއިންސާނީ އެތަކެއް އަމަލު ހިންގާފައިވާ ކަމަށް ނިންމާ، ޖިނާއީ ތަހުގީގު ހިންގާ ދައުވާކުރަން ގޮވާލާފަ އެވެ.
ތަކުރާރުކޮށް ދުނިޔޭގެ ރެފިއުޖީންގެ ދުވަހު ރޮހިންޔާ މުސްލިމުން އަންނަނީ އެމީހުންގެ އަމިއްލަ ވަޒަނަށް ސަލާމަތްކަމާއި އެކު އެނބުރި ދެވޭނެ މަގެއް ހޯދައި ދިނުމަށް ގޮވާލަމުންނެވެ. އަދި ރެފިއުޖީންގެ ގޮތުގައި އުޅޭއިރު އެމީހުން ތަހައްމަލު ކުރަންޖެހޭ ނިކަމެތި ހާލަތު ބަޔާން ކުރަމުންނެވެ. މިގޮތުން މިއަހަރު ދުނިޔޭގެ ރެފިއުޖީންގެ ދުވަހު ރޮހިންޔާ ރެފިއުޖީން ބޭއްވި ސުލްހަވެރި އެއްވުމުގައި އެމީހުން ވަނީ ކެތްކުރެވެން އޮތް ވަރަށް ކެތްކުރެވިއްޖެ ކަމަށާއި އަނބުރާ އަމިއްލަ ވަޒަނަށް ދާން ވެއްޖެ ކަމަށް ބުނެފަ އެވެ. އަދި އަބަދު ނިކަމެތި ދިރިއުޅުން ނޫޅެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރޮހިންޔާ ގަތުލުއާންމަށް ފަސް އަހަރު ވެގެންދިޔައިރު ރޮހިންޔާ މުސްލިމުން އެމީހުންގެ ގައުމަށް އަނބުރާ ދެވޭނެ މަގެއް ފަހިކޮށްދިނުމުގައި ދުނިޔޭގެ ލީޑަރުން ވަނީ ނުކުޅެދިފަ އެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ވަނީ ރޮހިންޔާ މުސްލިމުންގެ މަތީން ހަނދާން ނައްތާ ނުލެއްވުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނީ މިޔަންމާ އިން އެއްބަސްވެފައިވާ ފަދައިން އެކުލަވާލެވުނު "އެޑްވައިޒަރީ ކަމިޝަން އޮން ރިކައިން ސްޓޭޓުން" އެކުލަވާލާފައިވާ އެއްބަސްވުން ތަންފީޒުކޮށްގެންނެވެ.