ދުނިޔެ

އިރާގުގައި ސުންނީގެ 10 މިސްކިތަކަށް ޝީޢީން ހަމަލާދީފި

އިރާގުގެ ވެރިރަށް ބަގުދާދުގައި ސުންނީން ބޭނުންކުރާ 10 މިސްކިތަކަށް ޝީޢީން ބޮމުގެ ހަމަލާތަކެއް ދީފަ އެވެ.

ޝިޢީން މި ހަމަލާތައް ދީފައިވަނީ އައިއެސް އަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއް ޝީޢީންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވަނިކޮށެވެ. އިއްޔެ ދިން މި ހަމަލާތައް ސުންނީންގެ ލީޑަރު ސިފަކޮށްފައި ވަނީ "ވަރަށް ނުލަފާ" އަމަލެއްގެ ގޮތުގަ އެވެ. ޝީޢީން މިހާރުވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލާފަ އެވެ.

ޝީޢީ ހަނގުރާމަވެތިންވަނީ ސުންނީން އެއަވަށް ދޫކޮށް ދިއުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ. އެ މުހުލަތުގެ ތެރޭގައި އެ އަވަށް ދޫކޮށް ނުގޮސްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މިދިޔަ ހޯމަދުވަހު އައިއެސް އިން ޝީއީންނަށް އަމާޒުކޮށް ބަގުދާދް އާއި މުޤްދާދިޔާއަށް ވަނީ ހަމަލާތަކެއް ދީފަ އެވެ. އެހަމަލާތަކުގައި އިރާގުގެ އަލް ޝަރްޤިޔާ ޓީވީ ޗެނަލުގެ ދެ ނޫސްވެރިޔަކު ވަނީ މަރާލާފަ އެވެ.

ރިޕޯޓަރު ސައިފް ތޮލާލް އަދި ކެމެރާމަން ހަސަން އަލް އަންބަކީ އަށް ހަމަލާ ދީ މަރާލާފައިވަނީ ދިޔާލާ އަވަށުގަ އެވެ. އަދި މީގެ އިތުރުން ސުންނީންގެ އިމާމެއްގެ މައިންބަފައިންނަށް ވެސް ހަމަލާދީ މަރާލާފައި ވެއެވެ.

ޝީޢީންނަށް ދިން ހަމަލާތައް

މިދޔަ ހޯމަ ދުވަހު ޝީޢިންނަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރާލާފަ އެވެ. އެގޮތުން މުޤްދާދިޔާ އަވަށުގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި އެކަނިވެސް 42 މީހުންވަނީ މަރާލާފައެވެ. އެހަމަލާގައި 54 މީހުންނަށް އެކިވަރުގެ އަނިޔާވަނީ ލިބިފަ އެވެ.

އަދި މީގެ އިތުރުން ބަގުދާދުގައި ގޮޗާ އެއްޗެހިތަކެއް ގޮއްވާލައިގެންވެސް 32 މީހުން މަރާލައި 58 މީހުން ޒަހަމް ކޮށްލާފައި ވެއެވެ. އަދި ކާރެއްގައި ބޮމެއް ހަރުކޮށްގެ ގޮއްވާލައި 7 މީހުން އެއަވަށުގައި ވަނީ މަރާލާފަ އެވެ. މިހަމަލާތައް ކުށްވެރިކޮށް އދ. އިންވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލަން ގޮވާލާފަ އެވެ.