ބޯހިޔާވަހިކަން

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި

Sep 20, 2022

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކާއި ފްލެޓްތަކަކަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ. އެ ފުރުސަތު އޭރު ހުޅުވާލީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ސަރުކާރުން މިއަދު ވަނީ އެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. ވަގުތު އިތުރުކުރީ ގޯތި ދޫކުރުމުގެ އުސޫލަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި ބަދަލާ ގުޅިގެންނެވެ.

ލޭގެ ރައްޔިތުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލުގައި ކުރިން އޮތް ގޮތުން މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލަނީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އެއްވެސް އިރަކު ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އުސޫލަށް ގެނައި އިސްލާހުގައި މިހާރު ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.