އީރާން

މެކްރޮން، އީރާންގެ ރައީސްއާ ބައްދަލުކުރައްވައިފި

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، އީރާންގެ ރައީސް އިބްރާހީމް ރައީސީއާ ބައްދަލުކުރައްވައިފި އެވެ.

މި ދެ ލީޑަރުން ބައްދަލުކުރެއްވީ އދ.ގެ ހެޑްކުއާޓަރުގައި އޮތް އާންމު މަޖިލީސްގެ 77 ވަނަ ސެޝަންގެ ހަވާސާގަ އެވެ.

މެކްރޮން ކުރިން ވިދާޅުވި ގޮތުގައި ރައިސީއާ އެކު ހުރިހާ މައުލޫއަކަށް މަޝްވަރާ ކުރައްވާނެ އެވެ. މީގެތެރެއިން ވެސް އެންމެ މުހިންމު ކަމަކީ ނިއުކްލިއާ މަޝްވަރާތައް ގޮސްފައި އޮތް ހިސާބުން އެއްބަސްވުމެއްގައި ސޮއިކުރުން ކަމަށް ވިދާޅުވި އެވެ.

އިބްރާހީމް ރައީސީ މިދިޔަ އަހަރު މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ހުޅަނގުގެ ލީޑަރަކާ އެއްމޭޒުދޮށުން ބައްދަލު ކުރެއްވި ފުރަތަމަ ލީޑަރަކަށް ވެފައި މިވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެވެ.

އީރާންގެ ރައީސްއާ މެކްރޮން ބައްދަލު ކުރެއްވުމުގައި ހުޅަނގުން އީރާނާ މެދު ވިސްނާ ގޮތް ބުނެދެއްވާނެ އެވެ. އަދި ނުފޫޒުގަދަ ގައުމުތަކުން 2015 ގައި ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުގައި އީރާނުން ސޮއިކުރުން ލަސްކުރާތީ ޕްރެޝަރު ވެސް ކުރައްވާނެ އެވެ.

އަނެއްކޮޅުން އީރާންގައި އިންސާނީ ހައްގުތައް ކަށަވަރުކުރުން ހުޅަނގުން އެދޭ މިންވަރަށް ކުރިއަރާފައި ނެތުމަކީވެސް މެކްރޮންގެ ޝަކުވާއަކަށް ވާނެ އެވެ.

އީރާންގައި މިދާކަށް ދުވަހު ހައްޔަރުކުރި މާޝާ އާމިނީ (22 އ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކޯމާއަކަށް ގޮސް މަރުވި މައްސަލަ އަކީ ވެސް ހުޅަނގުން ބަލަން ބޭނުންވެފައި އޮތް މައްސަލަ އެކެވެ.

ފްރާންސުން ބުނާ ގޮތުން ނިއުކްލިއާ ޑީލަކަށް ދިއުމުގައި ބޯޅަ މިހާރު އޮތީ އީރާން ކޮޅުގަ އެވެ.

ހުޅަނގުން އެދޭ ގޮތަށް އީރާން އެއްބަސްވެއްޖެނަމަ ރަނގަޅު އިނާމުތައް އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންނަމަވެސް އީރާނުން ބުނަނީ އީރާނަށް ގެއްލުންވާ ގޮތަކަށް އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމަށެވެ. އީރާނަށް ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ހުޅަނގަށް އެއްބާރުލުން ދޭނެ ކަމަށް އިރާނުން ވެސް ބުނެފައިވެ އެވެ.