ޕްރޮމޯޝަން

ސުވިމިން އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު

ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރު ގޮތުގައި ދެ އަހަރަށް ދިރާގު ހަމަޖައްސައިފި އެވެ.

ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިވަލޮޕްމެންޓް ޕާޓްނަރުކަމަށް ދިރާގު ހަމަޖައްސާ ކޮންޓްރެކްޓު ހަވާލު ކުރެވުނީ އެކަމަށް ހާއްސަކޮށްގެން މިއަދު އެކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލް ވިދާޅުވީ ކުރިޔަށް އޮތް ދެއަހަރުގެ ތެރޭގައި ސުވިމިން އެސޯސިއޭޝަނުން މާލެއާއި ރާއްޖެތެރޭގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ އެންމެހާ ހަރަކާތްތަކުގައި ދިރާގުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ފެނިގެންދާނެ ކަމަށާއި މި ކަން ވެގެން ދާނީ ދިރާގުން ޒުވާން ކުދިންނާއި ކުޅިވަރު ތަރައްޤީ ކުރުމަށް އަބަދުވެސް ދެމުންގެންދާ ސަމާލުކަމުގެ ތެރެއަށް އިތުރުވެގެންދާނެ ބޮޅެއް ކަމަށެވެ.

މި އެއްބަސް ވުމާއި ގުޅޭ ގޮތުން ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު އަބްދުއްސައްތާރު ވިދާޅުވީ މި އަހަރު ތެރޭގައި އެއެސޯސިއޭޝަން އިން ގިނަ ހަރަކާތް ތަކެއް ހިންގައި، ނަތީޖާ ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރު ކުރާނެ ކަމަށާއި އަދި ދިރާގު ފަދަ ކުންފުނިތަކުގެ އެހީތެރިކަމާއެކު ފެތުންތެރިންނަށް ދެވޭ ތަމްރީންތައް އިތުރުކޮށް ކާމިޔާބީތައް އިތުރުކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ފެތުން ތަރައްގީ ކުރުމާއި ފެތުންތެރިން ބިނާކުރުމުގެ ތަފާތު ޕްރޮގްރާމް ތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް މި އަހަރުވެސް ވަނީ ރޭވިފައިއެވެ. އަދި ޔޫތް މިނިސްޓްރީ އާއި އެހެނިހެން ފަރާތްތަކާއި ގުޅިގެން ތަފާތު ގިނަގުނަ މަސައްކަތް މިއަހަރު ތެރޭގައި ގުޅިގެން ކުރާނެ ކަމަށް ވެސް ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުންޏެވެ.