އެސްޓީއޯއިން މިހާރު ހިންގަމުން އަންނަ ފުވައްމުލަކު އެއާޕޯޓާ ސަރުކާރުން ހަވާލުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ އެސްޓީއޯއަށް 50 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެ އެއާޕޯޓާ ސަރުކާރުން ހަވާލުވާނީ އެސްޓީއޯއަށް ބަދަލު ދިނުމަށް ފަހުގަ އެވެ. ރައީސް ވިދާޅުވީ ފުވައްމުލަކު އެއާޕޯޓު އެސްޓީއޯއިން ހިންގުމަކީ އެ ކުންފުންޏަށް ފައިދާވާނެ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ކުންފުނިން އެހެން ކަންކަމަށް ހަރަދު ކުރަން ހުންނަ ފައިސާތައް ފުވައްމުލަކު އެއާޕޯޓް ހިންގުމަށް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އޭރު އެސްޓީއޯއިން ހަދާފައި އޮތް އެ އިންވެސްޓްމަންޓަކީ ސަރުކާރުން އަންގައިގެން ހަދާފައި އޮތް އިންވެސްޓްމަންޓެއް. އެއީ އެސްޓީއޯއަށް ފައިދާވާނެ އިންވެސްޓްމަންޓެއް ނޫން. އެހެންވީމާ މިކަހަލަ ކަންކަމުގައި އެސްޓީއޯ އެބަޖެހޭ ދުރަށް ދާން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ ހަތަރު އަހަރު ކުރިން 2011 ގައި ހެދި އެ އެއާޕޯޓާ އެސްޓީއޯއިން ހަވާލުވީ ބ. މުތާފުށި ތަރައްގީކޮށްގެން ހިންގަން ސަރުކާރުން އެ ރަށް އެސްޓީއޯއަށް ދިނުމުންނެވެ. ނަމަވެސް މިހާތަނަށް ވެސް އެ ރަށް ތަރައްގީ ނުކުރެވޭތީ އާއި ފުވައްމުލަކު އެއާޕޯޓު ހިންގައިގެން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވުމުން އެކަމުގެ ޝަކުވާ އެ ކުންފުނިން ކުރިން ވެސް ދިޔައީ ކުރަމުންނެވެ. އަދި އެކަމަށް ހައްލެއް ހޯދަން ސަރުކާރާ ވެސް އެ ކުންފުނިން މަޝްވަރާކޮށްފައިވެ އެވެ.