އަބްދުﷲ ޝާހިދު

ޗައިނާ އާއި އިންޑިއާގެ ހާރިޖީ ވަޒީރުންނާ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވާންގް ޔީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރްއާ ބައްދަލުކުރައްވައިފި އެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތައް ކުރިއަށް ދިޔައީ އދ.ގެ 77 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރާއި މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ސަރުކާރުން މިހާރު ދަނީ ޗައިނާއާ ގުޅުން ބަދަހިކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ސަރުކާރުން އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވަނީ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްވެސް ކުރައްވާފަ އެވެ. ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި އެ ދަތުރުފުޅުގައި ޗައިނާ ވަޒީރު ސޮއި ކުރައްވާފައިވެސްވެ އެވެ.

ރާއްޖޭ އާއި ޗައިނާގެ ސިޔާސީ ގުޅުމަށް މިއަހަރުގެ އެޕްރީލް 15 ވަނަ ދުވަހު ވަނީ 50 އަހަރު ފުރިފަ އެވެ. 50 އަހަރު ފުރުން ފާހަގަކުރުމަށް ބައެއް ހަރަކާތްތައްވެސް ދެ ގައުމުން ކުރިއަށް އެބަގެންދެ އެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެންމެ ކުރީގައިވެސް ކުރިން އޮތް ގައުމެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު ކުރިއަށް ދިޔަ ވައިގެ ދަތުރުތައް މެދުކެނޑާލީ ކޮވިޑް 19އާ ގުޅިގެންނެވެ. މެދު ކެނޑުމަކަށްފަހު ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުތައް އަންނަ މަހު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާ ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގުޅުމަށް ބަލާއިރު މި ސަރުކާރުގެ ބައެއް ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަނީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގަ އެވެ. މީގެތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫއާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު ހިމެނެ އެވެ.