ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަން ލީޝިންއާ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހުތާރާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުންތައް ވަކިވަކިން މިއަދު ކުރިއަށް ދިޔައީ ޗައިނާ ސަރުކާރުން ހަދައިދީފައިވާ ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ.
މިބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ސަފީރާ ބައްދަލުވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ މިމަހުގެ ހަތްވަނަ ދުވަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ޗައިނާ ފޮރިން މިނިސްޓަރާ އެކު އެއްބަސްވެފައިވާ ކަންކަން ތަންފީޒު ކުރުމަށް ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޕާކިސްތާންގެ ސަފީރާ އެކު ބޭއްވި ބައްދަލުވުމަށްފަހު ޝާހިދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމާއި ބައިނަލްއަގްވާމީ މަޝްރަހްގައި ދެ ގައުމުން އެއްބަސްވާ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ޗައިނާއާއި އެކު ވެސް އަދި ޕާކިސްތާނާ އެކު ވެސް ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝާހިދު ވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ ވެސް މިމަހުގެ 11 ވަނަ ދުވަހު ބައްދަލުކުރައްވާ ދެ ގައުމުގެ ގުުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އދގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު އާންމުކޮށް ދިރިއުޅުއްވަނީ އދގެ މައި މަރުކަޒު ގާއިމުކޮށްފައިވާ އެމެރިކާގެ ނިއުޔޯކުގަ އެވެ.
އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު ރާއްޖެ ވަޑައިގެންނެވި ދެވަނަ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓަރަށް ރާއްޖެއިން މަރުހަބާ ދެންނެވުމަށާއި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިމަހުގެ ހަތްވަނަ ދުވަހު އެވެ.