ފޮރިން މިނިސްޓްރީ

ލަންކާގެ ހާރިޖީ ވަޒީރާއި މާލީ ވަޒީރު މިރޭ ރާއްޖެ ވަޑައިގަންނަވަނީ

ސްރީލަންކާގެ ހާރިޖީ ވަޒީރު މަންގަލަ ސަމަރަވާރީ އާއި މާލީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިރޭ، މަންގަލަ ސަމަރަވާރީގެ އިތުރުން ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނަޔަކޭ ވެސް މިރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ. ދެ ވަޒީރުންގެ މި ދަތުރާގުޅޭ ތަފްސީލު މިނިސްޓްރީން ދީފައެއް ނުވެއެވެ.

ދެ ވަޒީރުން މިރޭ ރާއްޖެ ވަޑައިގަންނަވާއިރު އިންޑިއާގެ ފޮރިން ސެކްރެޓްރީ ސުބްރަމޭނިއަމް ޖައިޝަންކަރު ވެސް މި ހަފުތާ ތެރޭގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވެއެވެ. މިދިޔަ އޮގްސްޓުމަހުގެ ތިން ވަނަ ދުވަހު ވެސް ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި މާލޭގައި ބޭއްވި ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖް މާލެ ވަޑައިގެންފައިވެ އެވެ.