އިންސާނީ ވަގުފާރި ހުއްޓުވަން ގުޅިގެން މަސައްކަތް ކުރުމަށް ސްރީލަންކާއާއި ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އެވެ. ލަންކާ ލަންކާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރު ނިހާލް ރަނަސިންގާ އެެވެ.
ލަންކާގައި އޮތް މިރަސްމިއްޔާތާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
މިރަސްމިއްޔާތުގައި ލަންކާއާއި ރާއްޖޭގެ ހާރިޖީ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިފަދަ އެއްބަސްވުމެއް ދިވެހި ސަރުކާރާ އެކު ހެދުމަށް ލަންކާ އިން ނިންމާ އެކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެެވެ.
ލަންކާ ސަރުކާރުން އޭރުން ބުނީ މިއެއްބަސްވުމާ ގުޅިގެން އިންސާނީ ވަގުފާރި ހުއްޓުވުމަށާއި ބްލެކްލިސްޓް ކޮށްފައިވާ މީހުން ދެ ގައުމަށް އެތެރެ ނުވެވޭ ގޮތް ހެދުމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް މީހުން އެތެރެވުން ހުއްޓުވަން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ އިމިގްރޭޝަންގެ އިންސާނީ، ފަންނީ އަދި ޓެކޮނޮލޮޖީގެ ގާބިލްކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
މި އެއްބަސްވުމާ ގުޅިގެނ ްލަންކާގެ ފޮރިން މިނިސްޓަރު އަލީ ސޮބްރީ ވިދާޅުވީ މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ އެއްބަސްވުމެއް ކަމަށެވެ.
ދިވެހިން ދިރިއުޅޭ ބޭރު ގައުމުތަކަށް ބަލާއިރު ލަންކާ އަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ގައުމެވެ.