ހދ. ފިނޭގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއް ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައިފި އެވެ.
ފިނޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ސޯލިހް ވަނީ ފިނޭގެ އާ އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފަ އެވެ. މީގެ އިތުރުން ފިނޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ވެސް ރަސްމީކޮށް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.
ފިނޭގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސެޕްޓެމްބަރު 29، 2019 ގައެވެ.
ދައުލަތުގެ ބަޖެޓުން 21.3 މިލިއަން ރުފިޔާ ހަރަދުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮކްޓޯބަރު 20، 2019 ގައެވެ.
ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންމީ މިދިޔަ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން 4.8 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް ފިނޭގައި އަޅައިފައިވެ އެވެ. އަދި 7.2 ކިލޯމީޓަރުގެ ނަރުދަމާގެ ނިޒާމުގެ ވިއުގައެއް އަޅައިފައިވެ އެވެ. ދުވާލަކު 25 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާންގީ އަދި ވާރޭ ފެން ރައްކާކުރުމަށް 110 ޓަނުގެ ތާންގީއެއް ވެސް މި މަޝްރޫއުގެ ދަށުން ފިނޭގައި ބަހައްޓާފައިވެ އެވެ.
ފެނަކަ އިން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމު މިއަދު އިފްތިތާހުކުރިއިރު ފިނޭގެ 179 ގެއަކަށް ފެނުގެ ހިދުމަތް ދީފައިވެ އެވެ. އަދި 180 ގެއަކަށް ނަރުދަމާގެ ހިދުމަތް ދެއެވެ.