ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގެ ހުޅުވައިފި

Aug 9, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހުވަދު އަތޮޅު ދެކުނުބުރީގެ ތިން ރަށެއްގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފި އެވެ.

ގދ. ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް ހުޅުއްވައި ދެއްވީ ރައީސް ސޯލިހު މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެވެ.

މި ތިން އޮފީސް އިމާރާތަކީވެސް ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭ އޮފީސް އިމާރާތްތަކެކެވެ.

ގދ. ނަޑެއްލާގެ ފެނަކަ އާ އިންޖީނުގެއާ އޮފީސް އިމާރާތްކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގަ އެވެ. މި އާ އިންޖީނުގޭގެ ކެޕޭސިޓީއަކީ 590 ކިލޯވޮޓް އެވެ.

ރަތަފަންދޫގައި މީގެ ކުރިން އިންޖީނުގެއާ އޮފީސް އިމާރާތުގެ ގޮތުގައި ބޭނުންކުރަމުން އައީ 37 އަހަރުވެފައިވާ ދުވަސްވީ އިމާރާތެކެވެ. އަދި ފިޔޯރީގައި މީގެ ކުރިން ހުރި އިންޖީނުގޭގެ އޮފީހަކީ ހަތަރު މީހުންގެ ޖާގައިގެ އޮފީހެކެވެ.

ރައީސް ސޯލިހް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވާ އެ ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފަ އެވެ.

މަޑަވެލީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މަޑަވެލީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި އޯޕީޑީ ތިން ރޫމާއި ލެބޯޓްރީ، އީ.އާރު، ރިސެޕްޝަން އަދި ވެއިޓިން ރޫމާއި ޑްރެސިން އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.