ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަތަފަންދޫއާއި ކުރެއްދޫ ގުޅާލަން ވައުދުވެއްޖެ

ގދ. ރަތަފަންދޫއާއި ގދ. ކުރެއްދޫ ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ކުރެއްދޫ އަކީ ރަތަފަންދޫއާއި އެންމެ ކައިރީގައި އެއްފަޅެއްގައި އޮންނަ ފަޅު ރަށެކެވެ.

ރައީސް ސޯލިހް ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ރަތަފަންދޫ އަށް ވަޑައިގެން ރައީސް ވިދާޅުވީ ރަތަފަންދޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އެރަށު ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ވީދާާޅުވީ ރިޔާސީ ދެވަނަ ދައުރެއް އެމަނިކުފާނަށް ލިބިވަޑައިގެންފިނަމަ ރަތަފަންދޫ ކައުންސިލުން އެދޭ ގޮތަށް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް އެރަށާއި ކުރެއްދޫ ގުޅާލާނެ ކަަމަށެވެ.

"އިރާދަކުރެއްވިޔާ މި ރަށަށް ބިން ބޮޑުކުރުމުގެ ގޮތުން މި ރަށާއި ކެރެއްދޫ ގުޅާލާނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ރަތަފަންދޫއަށް ބައެއް އިތުރު ކަންކަން ކޮށްދިނުމަށްވެސް ރައީސް މިއަދު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ރަތަންދޫގެ ވަށައިގެން އޮންނަ ބޮޑު މަގާއި އެ ރަށުގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހަދައިދިނުމަށާއި މުޅިން އާ ސިއްހީ މަރުކަޒެއް އިމާރާތްކޮށްދިނުމަށާއި މިހާރު އޮތް ބަނދަރު އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން ރަތަފަންދޫ ސްކޫލަށް މަލްޓި ޕާޕަސް ހޯލެއް އަޅައިދީ ރަތަފަންދޫ ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް އަދި ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ޒުވާނުންގެ މަރުކަޒެއް އަޅައިދިނުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރައީސް ސޯލިހް މިއަދު މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށާއި ހާދޫ ގުޅާލުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.