ވެރިކަން ލިބިވަޑައިގެންފިނަމަ ގދ. މަޑަވެއްޔާއި ނަޑެއްލާ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މުއިއްޒު މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ މަޑަވެލި، ނަޑެއްލާ އަދި ގައްދޫއަށް ވަޑައިގެންފަ އެވެ.
މަޑަވެލީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަމަކީ ރަށުގެ ބިން ބޮޑު ކުރުން ކަމަށެވެ. އެހެންވެ އެރަށުގެ ބިން ހިއްކައިދިނުމަށާއި އެ މަޝްރޫއާ އެކު ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވައުދުވެވަޑައިގެންނެވި އެވެ.
މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 30 ހެކްޓަރުގެ ބިން ހިއްކާ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ފަށާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
މަޑަވެލި ސްކޫލާއި ސިއްހީ މަރުކަޒުގައިވެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެކަންކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.
ނަޑެއްލާގައި މުއިއްޒު ވިދާޅުވީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ ބަނދަރު ބޮޑުކޮށްދިނުމަށް ކަމަށްވާތީ އެކަން ކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ނަޑެއްލާއަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ނަޑެއްލާގައިވެސް ސްކޫލާއި ސިއްހީ މަރުކަޒުގެ ހިދުމަތްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ނިމިގެން މިދާ ފަސް އަހަރުގެ ތެރޭގައި ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށެވެ.