ފ. މަގޫދޫ

މަގޫދޫގެ ފެނާއި ނަރުދަމާ އިފްތިތާހްކޮށް ފެނަކަ އޮފީސް ހުޅުވައިފި

ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހް ކޮށްދެއްވައި، މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މަގޫދޫގައި ގާއިމުކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވިގެންދާނެ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓާއި، ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރުގެ ދެ ޓޭންކް ބަހައްޓައި، 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 168 ގެއަށް ފެން ގުޅައި ދީފައިވެ އެވެ.

ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިން ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރުގެ ހޮޅި އަޅައި، 168 ގެއަކަށް ނަރުދަމާގެ ހިދުމަތް ގުޅައިދީފައިވެ އެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި، ގްރީން ފަންޑުން ހަރަދު ކޮށްގެން ހިންގާފައިވާ މަޝްރޫއެކެވެ.

މަގޫދޫ އިންޖީނުގޭގެ އޮފީސް އިމާރާތުގެ ގޮތުގައި މީގެ ކުރިން ވަކި އިމާރާތެއް ނުހުރެ އެވެ. އަލަށް ހެދުނު އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވެއެވެ. ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައި އިރު އެތަނުގައި ހުރީ އެންމެ ތިން މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ އެވެ. އަލަށް ހެދުނު އިންޖީނުގޭގެ އޮފީސް ޢިމާރާތަކީ ޒަމާނީ އޮފީސް ޢިމާރާތެކެވެ.