ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖެޓް ޖެއްސޭ ގޮތަށް މަގޫދޫ ރަންވޭ ބޮޑުކުރަން ނިންމައިފި

ފ. މަގޫދޫ އެއާޕޯޓްގެ ރަންވޭ 1،800 މީޓަރަށް ދިގުކޮށް މި އެއާޕޯޓް ހަދާނީ ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހް ކުރުމަށާއި މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް ހުޅުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މަގޫދޫގައި ހަދަމުންދާ އެއާޕޯޓާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ކަމަށެވެ. އަދި މި އެއާޕޯޓްގެ ޓާމިނަލާއިއެކު ވީއައިޕީ ލައުންޖެއް ހެދިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މަގޫދޫ އެއާޕޯޓަކީ ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ އެއާޕޯޓެއް. އެއާޕޯޓްގެ ރަންވޭ 1،800 މީޓަރަށް ދިގުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަގޫދޫ އެއާޕޯޓްގައި ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި، ފްލައިޓްތަކަށް ހިދުމަތް ދިނުމަށް ފިއުލް ފާމެއްވެސް ހެދިގެންދާނެ ކަމަށެވެ. އަދި އެއާލައިންތަކުގެ ކްރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއް ހަދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަގޫދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާނެ މަޝްރޫއުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނޭ ކަމަށެވެ. އަދި މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓު ހެދުމާ ގުޅޭ ގޮތުން ބަޔަކާ ވާހަކަދެކެވެމުން އަންނަ ކަމުގެ އުފާވެރި ހަބަރުވެސް ދެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މަގޫދޫ އޮތް ހާލަތާއި އަދި މި ސަރުކާރުން މަގޫދޫގައި ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ.

"މަގޫދޫ ތަރައްގީވުމުގެ އެންމެ މުހިއްމު ސަބަބަކީ މަގޫދޫ ރައްޔިތުންގެ އެއްބައިވަންތަކަން. އަދި މަގޫދޫ ތަރައްގިކުރުމުގައި ރައްޔިތުން ތިބެނީ އެއްބައެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

މަގޫދޫ އެއާޕޯޓްގެ މަސަައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އޮކްޓޫބަރު 19، 2022 ގައެވެ. އެމްޓީސީސީއަށް މިމަސައްކަތް ހަވާލުކުރީ 231.5 މިލިއަން ރުފިޔާ އަށެވެ. އެއާޕޯޓްގެ މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ. މަގޫދޫގައި އެއާޕޯޓް އަޅަން ހަވާލުކުރިއިރު އޮތީ 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށެވެ.