މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)

ހެއްކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކާވެސް އެމްޖޭއޭ ދެކޮޅު

Sep 26, 2022

ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާއިރު "ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކޮޅު ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

އެމްޖޭ އިން މިހެން ބުނެފައި މިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް އެންމެ ބޮޑަށް އޮތް ހެއްކާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާ އިސްލާހުކުރުމަށް ނިންމާ ބަންޑާރަނައިބް އޮފީހުން އިއްޔެ އެކަން ހާމަކުރުމާ ގުޅިގެންނެވެ.

އެމްޖޭ އިން މިއަދު ބުނީ ގާނޫނުގެ 138 ވަނަ މާއްދާ އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވުމަށް ބަންޑާރަނައިބް އޮފީހުން އެކުލަވާލާފައިވާ ޑްރާފްޓްގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އޭގެތެރެއިން ގިނަ ކަންކަމަށް ހައްލު ލިބޭ ގޮތަށް ބިލް އެކުލަވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ޑްރާފްޓްގައި އަދިވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ މައިގަނޑު ދެ ކަންބޮޑުވުމެއް ފާހަގަކޮށްފައިވެ އެވެ.

ޑްރާފްޓްގައިވާ މައިގަނޑު ދެ ކަންބޮޑުވުން

  • ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތަތީ ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުން ގައުމީ ސަލާމަތް ހިމަނައިގެން ގާނޫނު އިސްލާހުކުރުން
  • މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިންވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމާނާފައިވުން

ބަންޑާރަނައިބް އޮފީހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ހެއްކާ ބެހޭ ގާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި އިތުރަށް ސާފުވާނެ ގޮތަށް ގާނޫނު އިސްލާހުކުރާނެ ކަމަށެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމަށް ކަނޑައެޅުން ހިމެނެ އެވެ. ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުންވެސް ހިމެނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އޭޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.