ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ސައީދަށް ތުހުމަތުކުރެވުނީ އޭނާ މަސައްކަތް ކުރި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތު ނަގާ ކަމަށެވެ.
ޖޭއެސްސީއަށް މައްސަލަ ހުށަހެޅި އެ މައްސަލަ ކޮމިޝަނުން ބަލަން ފެށުމާ އެކު އޭނާ ވަނީ މިމަހުގެ ހަވަނަ ދުވަހު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ޖޭއެސްސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ބެލުމުގެ އިހްތިސާސް ލިބިފައިވަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކެވެެ. އެހެންވެ ސައީދުގެ މައްސަލަ ޖޭއެސްސީގައި އިތުރަށް ތަހުގީގުކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އެ ކޮމިޝަނަށް ލިބިގެން ނުވެ އެވެ.
ޖޭއެސްސީން މިހާރު ވަނީ ސައީދުގެ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރުން ހުއްޓާލުމަށްފަހު މައްސަލަ އިތުރަށް ތަހުގީގުކުރަން އޭސީސީއާ ފުލުހުންނަށް ހުށަހެޅުމަށް ނިންމާފަ އެވެ.