ގަރާޖެއް ނެތި މާލޭގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އޭނާ ކުރިންވެސް މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވުމުން އެ ފަހަރުވެސް ބޭރުކޮށްލީ އެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު 22 ގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އެކަންޏެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 36 މެންބަރުން ވޯޓު ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެންމެ ފަހުން މިބިލް ހުށަހެޅުއްވި ދުވަހު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވަނީ މާލޭގެ އެންމެ ގެއެއްގައި 1،700 އަށް ވުރެ ގިނަ ކާރު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެ ގޭގެ މައުލޫމާތު އޭނާ ހިއްސާކުރައްވާފައެއް ނުވެ އެވެ.
އެ މައުލޫމާތު ހިއްސާކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް މެންބަރު ނަޝީދު ވަނީ އެކަމަށް އިންކާރުކުރައްވާފަ އެވެ.
މެމްބަރު ނަޝީދު ވިދާޅުވީ "ގަރާޖު ސިޓީ" ވިއްކައިގެން ކައިބޮއި ހަދާ މީހުން މިއަދު މާލޭގައި ދިރިއުޅޭ ކަމަށެވެ.
"ދޫކުރާ ގަރާޖު ސިޓީއަށް ވާގޮތެއް ނޭނގޭ. ކާރުތައް ހުންނަނީ މަގުމަތީގައި. ގަރާޖެއް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.
މާލޭގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތައް އަބަދުވެސް ރަޖިސްޓްރީ ކޮށްދެނީ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. ކުރިން އެ މަސައްކަތް ކުރީ ޓްރާންސްޓްޕޯޓް މިނިސްޓްރީން ކަމަށްވީ ނަމަވެސް މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ.