ސިއްހަތު

ކޮންމެ ހިތަކަށް ހިތެއް

މިއަދަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރާ ހިތުގެ ދުވަހެވެ. މިދުވަހުގެ މިއަހަރުގެ ޝިއާރަކީ ޔޫޒް ހާޓް ފޯ އެވްރީ ހާޓް ނުވަތަ ކޮންމެ ހިތަކަށް ހިތެއް ބޭނުންކުރުމެވެ.

ހިތުގެ ބަލިތަކަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ބަލި ކަމުގައި ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި ވެސް ހިތުގެ ބަލިތައް ކުރިމަތިވާ މީހުންގެ އަދަދުތައް މައްޗަށް ދާން ފެށުމުން ހިތުގެ ބަލިތަކަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗްގައި ވަނީ ހުޅުވާފަ އެވެ. މި ސެންޓަރު ހުޅުވުނީ ޖޫން 26، 2016 ގައެވެ. މި ސެންޓަރުގައި ހިތުގެ ބަލިތަކަށް ހާއްސަ ހަތަރު ޑޮކްޓަރަކު ފަރުވާ ދެއްވަމުން ގެންދަވަ އެވެ. އަދި ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ވެސް މި ސެންޓަރުގައި ހުރެ އެވެ.

އައިޖީއެމްއެޗްގެ ކާޑިއޮލޮޖިސްޓް ޑރ. ޝަނީޒް ނަޖްމީ ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އެންމެ ބޮޑު އުންމީދަކީ ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ތަމްރީނުވެފައިވާ ދިވެހި ޒުވާނުން އިތުރުވެގެން ދިއުން ކަމަށެވެ.

ހިތުގެ ބަލިތަކަށް އޮތް އެންމެ ބޮޑު ހައްލަކީ ދުޅަހެޔު ދިރިއުޅުމުގެ ވައްޓަފާޅި އެވެ. ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ރަނގަޅު ކާނާ ބޭނުންކޮށް އަދި ކަސްރަތު ކުރުމެވެ.

"ތެދުވެ ހެލިފެލިވެ އުޅުން މުހިންމު، ކުޑަނަމަވެސް ކަސްރަތެއް ކުރަންޖެހޭ. ދެވަނަ ކަމަކީ ކެއުމުގެ ވައްޓަފާޅި، ޖަންކް ފުޑް، ފާސްޓް ފުޑް ބޭނުން ނުކުރުން،" ޑރ. ޝަނީޒް ދާޅުވި އެވެ.

ހިތުގެ ބަލިތަކަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ނުރަނގަޅު ކެއުމުގެ އާދަކާދަ، ނުރަނގަޅު ދިރިއުޅުމުގެ އާދަތައް، ހެލިފެލިވެ އުޅުން މަދުވުން އަދި ދުންފަތުގެ އިސްތިއުމާލް ކުރުން ފަދަ އަމަލުތައް ހިމެނެ އެވެ. އާއިލީ ގޮތުން ވާރުތަވާ ވާރުތަވުން ވެސް މުހިއްމު ދައުރެއް ކުޅެ އެވެ. ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކާ މިފަދަ މީހުން ދުރާލައި ހާއްސަ ފިޔަވަޅުތައް އަޅަންޖެހެ އެވެ.

"ބައެއް މީހުންނަށް ހީވެފައި ހުންނަ ކުށްހީ ތަކެއް ހުރޭ. މިސާލަކަށް، ޅައުމުރުގައި ބޭނުން އެއްޗެއް ކެވިދާނެއޭ. ސްކޫލް ދައުރުގައި ބަލައިގެން އުޅޭކަށް ނުޖެހޭނެއޭ. ބައެއް ކަހަލަ ވާރުތަ ކުރާ ކަންކަމަކީ ޅައިރުންސުރެ އޭގެ އަސަރު ފެންނަން ފަށާ ކަންކަން. އެހެންވީމަ އައިލާގައި މިކަހަލަ ކަމެއް އުޅޭނަމަ ހަމަ ވަރަށް ކުޑައިރުވެސް ކޮލެސްޓްރޯލް ފަދަ ކަންކަން ބަލައި ރައްކާތެރިވާންޖެހޭ،" ޑރ. ޝަނީޒް ވިދާޅުވި އެވެ.

ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮފީސްތަކާއި، ސްކޫލުތަކާއި، އެހެން ބައެއް އިދާރާތަކުން ރަތްކުލައިގެ ހިތްތަކާ އެކު، އެ ތަންތަނުގެ މުވައްޒަފުން ރީތި ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ. އެކަމަކު މައްސަލައަށް ހަގީގީ ހައްލު ހޯދުމަށް ބާރުއަޅައިދޭ އޮއްޓަރު ހުރި ކަންކަން ކުރަމުންދާ މަންޒަރެއް ނުފެނެ އެވެ.

ހިތުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ރާއްޖޭގައިވެސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ މިފަދަ ބަލިތަކަށް އާންމުން ހޭލުންތެރިކުރަންޖެހެ އެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކާ ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހެ އެވެ. ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކުރުން ވަކިން މުހިއްމެވެ.