އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށް، އުމުރުން 18 އަހަރުން ދަށުން ސްކޫލު ދަރިވަރުންނަށް ހާއްސަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އާސަންދައިގެ ދަށުން ދިވެހިންނަށް އަހަރަކު ދެ ފަހަރު ޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މިއީ ރައީސްގެ ހަފްތާ 14 މަގުޗާޓްގައި ކުރަން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އާސަންދަ ކުންފުނިން ބުނީ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ހާއްސަ ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓްތައް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމުވެސް މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އާސަންދަ އިން ބުނީ މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ތައާރަފްކުރެވުނު މެޑިކަލް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށް މިހާރު ވާނީ ބަދަލު ގެނެސްފައި ކަމަށެވެ. އެގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.
މިއަދުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާ އަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެދޭނެ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އާސަންދަ އިން ބުނެ އެވެ.