ކުޅިވަރު

ހަނި މޮޅެއް ހޯދައި ބާސެލޯނާ އަލުން އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި 1-0 އިން މަޔޯކާ ބަލިކޮށް ބާސެލޯނާ އަލުން ލީގުގެ އެއްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

އެއްވަނައިގައި ބާސެލޯނާ އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑް އެވެ. ލީގުގައި ރެއާލް މިރޭ ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ރެއާލަށް އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. 16 ޕޮއިންޓާ އެކު އެތުލެޓިކް ބިލްބާއޯ ލީގުގެ ތިންވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތް ރެއާލް ބެޓިސް އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ 42.6 މިލިއަން ޕައުންޑަށް ބަޔާން މިއުނިކް ދޫކޮށް މި ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އެ ކްލަބަށް ކުޅުނު ނުވަ މެޗުގައި ޖެހި 12 ވަނަ ގޯލެވެ.

ބާސެލޯނާ ލީޑުގައި އޮއްވައި މަޔޯކާ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތެއްގައި ހައުމާ ކޮސްޓާ ފޮނުވާލި ނުރައްކާތެރި ހަމަލާ ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެފަހުން މަޔޯކާގެ އެންޓޯނިއޯ ސަންޗޭޒް އާއި ލީ ހާން-އިން ޖެހި ހަމަލާތައް ވެސް މޮޅު ކުޅުމެއް ދެއްކި ކީޕަރު މަތަކުރި އެވެ.

ދެވަނަ ހާފުގައި ލެވަންޑޯސްކީ އަށް ގޯލު ޖަހަން ލިބުނު އިތުރު ފުރުސަތެއްގައި ފޮނުވާލި ހަމަލާ މަޔޯކާގެ ގޯލްކީޕަރު ޕްރެޑްރަގް ރަޖްކޮވިޗް ވަނީ މަތަކޮށްފައެވެ.

ލީގު މޮޅަށް ފަހު ބާސެލޯނާ މި ހަފްތާ ދެން ނުކުންނާނީ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށެވެ. ބާސެލޯނާ އާއި އިންޓަ އިން ޗެމްޕިއަންސް ލީގުގައި އަދި ލިބިފައިވަނީ އެއް މޮޅެވެ. އަނެއް ބުރަށް ދިއުމަށް މި ހަފްތާގެ މެޗުން މޮޅެއް ހޯދުން ދެޓީމަށް ވެސް ވަރަށް މުހިއްމެވެ.

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ސެވިއްޔާ އަތުން އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 އިން މޮޅުވެފަ އެވެ. މެޗުގައި އެތުލެޓިކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ މާކޯ ލޮރެންޓޭ އާއި އަލްވާރޯ މޮރާޓާ އެވެ. ހަތް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތީ ފަސް ވަނައިގައި އެވެ. ސީޒަން ދަށްކޮށް ފެށި ސެވިއްޔާ ހަތް މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އޮތީ 16 ވަނައިގަ އެވެ.