ޔޫއެންޑީޕީ

ޔޫއެންޑީޕީ އާއި ގުޅިގެން އިންޝުއަރެންސް މާކެޓް ތަރައްގީކުރަނީ

Oct 2, 2022

ރާއްޖޭގެ އިންޝުއަރެންސް މާކެޓް ތަރައްގީ ކުރުމަށް އެމްއެމްއޭ އާއި ޔޫއެންޑީޕީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ފަރާތުން މިދިޔަ ބުދަ ދުވަހު މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރީ ރާއްޖޭގެ އިންޝުއަރެންސް މާކެޓާ ގުޅޭ ގޮތުން އެމްއެމްއޭ އާއި ޔޫއެންޑީޕީގެ އިންޝުއަރެންސް ރިސްކް ފައިނޭންސް ފެސިލިޓީ (އައިއާރްއެފްއެފް) އާއި ގުޅިގެން ހެދި ދިރާސާއެއްގެ ނަތީޖާއަށް ބެލުމަށްފަހު އެވެ.

މިއެއްބަސްވުމަކީ ޔޫއެންޑީޕީން ޒަމާނުއްސުރެ ވަމުން އަންނަ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ކަށަވަރުވެ، ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައިވާ 2022-2026 ވަނަ އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެޅޭ ބިންގަލެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީގެ ނަމުގައި ހެދި ދިރާސާގައި ވަނީ ރާއްޖޭގެ އިންޝުއަރެންސް މާކެޓް ކުރި އަރަމުން އަންނަ ގޮތް ބެލުމަށް ގެޕް އެނަލިސިސް އެއް ހަދާފަ އެވެ. އަދި އެ ދިރާސާގެ ނަތީޖާތަކާއި ގުޅޭ ގޮތުން، އެމްއެމްއޭ އާއި ޔޫއެންޑީޕީން ގުޅިގެން ވަނީ އިންޝުއަރެންސް މާކެޓުގެ ސްޓޭކް ހޯލްޑަރުންނާ އެކު މަޝްވަރާކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ބުނީ އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީ އަކީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އެމްއެމްއޭ އާއި ޔޫއެންޑީޕީން ފެށި މަސައްކަތެއް ކަމަށެވެ. އަދި ސޮއި ކުރި އެއްބަސްވުމާއި އެކު ރާއްޖޭގެ އިންޝުއަރެންސް ސެކްޓަރު ކުރި އެރުވުމަށް އިތުރަށް ދިރާސާ ކުރެވޭނެ ކަމަށްވެސް އެމްއެމްއޭން ބުނެ އެވެ.