ދުނިޔެ

ތުރުކީ ފުލުހުންގެ މައި އިދާރާގެ ކައިރީ ބޮމެއް ގޮއްވާލައި ފަސް މީހުން މަރާލައިފި

ތުރުކީގެ ފުލުހުންގެ މައި އިދާރާގެ ކައިރީގައި އޮތް ކާރެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ފަސް މީހުން މަރާލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހަމަލާގައި 36 މީހުން ޒަހަމްވި އެވެ. ދިޔާބާކިރް ޕްރޮވިންސްގައި ދިން މިހަމަލާގަިއ މަރުވި ފަސް މީހުންގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކުވެސް ހިމެނެއެވެ. ހަމަލައަށްފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ މީހުން މިހާރު ދަނީ ހަލާކުވެ ބިމާ ހަމަވެފައިވާ އިމާރާތުގެ ދަށުގައި މީހުން ތިބިތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް މިއީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އިން ދިން ހަމަލާއެއް ކަމަށް އޮފިޝަލުން ތުހުމަތު ކުރެ އެވެ. އެއަވަށަކީ އެޕާޓީގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުން އަންނަ އަވަށެކެވެ.

ބޮމުގެ ހަމަލާގެ އިތުރުން ރޮކެޓް ހަމަާލަތަކެއް ވެސް ފުލުހުންގެ މައި އިދާރާއަށް ދީފައިވާތީ، އެ އިދާރާގެ ކައިރީގައި ހުރި ބައެއް އިމާރާތްތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

މިސަރަހައްދަކީ ތުރުކީ އަސްކަރީ ސިފައިންނާއި ޕީކޭކޭ ހަނގުރާމަވެރިންނާއި ދެމެދު ހަމަލާ ބަދަލުކުރެވެމުން އަންނަ ސަރަހައްދެކެވެ.