- ވަކި ފަރުދަކަށް ދޫކުރަނީ ފަސް ލައްކަ
- ކުންފުނި، ކޯޕަރޭޓިވްއެއްނަމަ 1.5 މިލިއަން
- އިންޓްރެސްޓަކީ ހަ ޕަސެންޓް
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ދޭ 50 މިލިއަން ރުފިޔާގެ ލޯނުގެ ފޯމުތައް ބަލައިގަތުން މިމަހު 17-21 އަށް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދޫކުރަން ހުޅުވާލާފައިވާ މި ލޯނު ސްކީމަކީ ސްމޯލް މީޑިއަމް އެންޓަޕްރައިސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދުފަންތީގެ ގާނޫނުގެ ދަށުން ދޫކުރާ ލޯނެކެވެ. މި ލޯނު ހާއްސަ ކުރަނީ އުމުރުން 18 އާއި 35 އަހަރުގެ މީހުނަށެވެ.
އެސްއެމްއީ ލޯނު ސްކީމުން އަމިއްލަ ފަރުދުންނަށް ދޫކުރަނީ 500،000ރ. އެވެ. ފާޓްނާޝިޕްތަކާއި ކުންފުނިތައް ނުވަތަ ކޯޕަރޭޓިވްތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އެވެ.
ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި
- ދަތުރުފަތުރު
- އިމާރާތްކުރުން
- ދަނޑުވެރިކަމާއި މަސްވެރިކަން
- ކޯޕަރޭޓިވް ސޮސައިޓީ ހިންގުން
- ހިދުމަތް ފޯރުކޮށްދިނުން
- ކުނި ނައްތާލުމާއި ކުނި މެނޭޖު ކުރުން
- ޓޫރިޒަމް ދާއިރާ
- އޯޕަން ކެޓެގަރީ (މަތީގައި ނުހިމެނޭ ދާއިރާތައް)
މި ލޯނު ދޫކުރުމުގައި އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންގެ އިތުރުން ރާއްޖޭގެ މުދާ ބޭރުކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް އުފައްދައި އެ ދާއިރާއަށް އިންވެސްޓުކުރާ ފަރާތްތަކާއި މާލެ ހިމެނޭ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ނޫން ރަށެއްގައި ވިޔަފާރިކުރަން ހުށަހަޅާ ފަރާތްތަކަށް ވެސް އިސްކަންދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ލޯނަށް އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހެނީ އަހަރަކު ނުވަ ޕަސެންޓެވެ. މި ލޯނަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބެ އެވެ.