ފިނިޕޭޖް

ކިމް ކާޑޭޝިއަން އެއް މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

ރިއާލިޓީ ސްޓާ ކިމް ކާޑޭޝިއަން، ކްރިޕްޓޯކަރަންސީ ގަވައިދާ ހިލާފަށް ޕްރޮމޯޓްކުރިކަން ސާބިތުވެ 1.26 މިލިއަން ޑޮލަރު ޖޫރިމަނާއާއެކު ދައްކަން ޖެހިއްޖެ އެވެ. އަދި ތިން އަހަރު ވަންދެން ކްރިޕްޓޯ ކަރަންސީ ޕްރޮމޯޓް ނުކުރެވޭނެ ކަމަށްވެސް އަންގާފައިވެ އެވެ.

އެމެރިކާގެ ސެކުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން ބުނި ގޮތުގައި ކިމް ކާޑޭޝިއަންއަށް އެތެރިއަމްއެމްއެކްސްގެ އިމެކްސް ޓޯކަން ޕްރޮމޯޓް ކުރުމަށް އިންސްތަގްރާމްގައި ވެބްސައިޓް ލިންކުތައް ހިމެނޭ ޕޯސްޓެއް ކުރުމަށް 250،000 ޑޮލަރު ދީފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

އެސްއީސީގެ ޗެއާމަން ގެރީ ޖެންސްލާ ވިދާޅުވި ގޮތުގައި މިފަދަ މައްސަލައަކާ ގުޅިގެން އެންމެންވެސް ވިސްނަންވީ ކަމަކީ ސެލެބްރިޓީންނާއި ނުފޫޒުގަދަ މީހުން ކްރިޕްޓޯ އެސެޓް ސެކިއުރިޓީޒް ފަދަ އެކި އުފެއްދުންތައް ހިޔާރުކުރާއިރު، އެ ތަކެއްޗަކީ ކޮންމެހެން އެންމެންނަށް ރަނގަޅު ތަކެއްޗަށް ނުވެދާނެ ކަމެވެ. އަދި ކޮންމެ އިންވެސްޓްމަންޓެއްގައި ވެސް ފައިދާ އާއި ގެއްލުން އޮންނާނެ ކަމަށް ބަލައިގެން އިންވެސްޓް ކުރަންވެސް އެދިވަޑައިގަތެވެ.

ކިމް ކާޑޭޝިއަންގެ މައްސަލަ އާއި ގުޅިގެން ހުރިހާ ސެލެބްރިޓީންނާއި ނުފޫޒު ގަދަ މީހުންވެސް ހަނދާންކުރަންވީ ކަމަކީ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުން ކަމަށް އެސްއީސީ އިން ބުންޏެވެ. އެމީހަކަށް ކްރިޕްޓޯ އެސެޓް ސެކިއުރިޓީޒް އިންވެސްޓްމަންޓް ޕްރޮމޯޓްކުރަން އެއްވެސް އިރެއްގައި އެއްވެސް އަދަދެއްގެ ފައިސާއެއް ލިބިއްޖެނަމަ ފައިސާ ދިނީ ކޮން ފަރާތަކުން ކަމާއި ކިހާ އަދަދެއްގެ ފައިސާއެއް ކަމާއި ފައިސާ ދިނީ ކިއްކުރަން ކަމާއި އެކަހަލަ މައުލޫމާތު އާންމުކުރަންޖެހޭނެ ކަމަށްވެސް އެސްއީސީ އިން ބުންޏެވެ.

ކްރިޕްޓޯ ކަރަންސީ އަކީ ކުއްލިއަކަށް ބަދަލު އަންނަ އަދި އެ ވިޔަފާރީގައި ދެކޮޅަށްވެސް ގެއްލުން ހުންނާނެ އިންވެސްޓްމަންޓެކެވެ. ކިމް ކުށްވެރި ޕޯސްޓް އޭނާގެ އިންސްތަގްރާމް އެކައުންޓުގައި ޕޯސްޓް ކުރީ މިިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

"ކްރިޕްޓޯ އަށް ޝައުގުވެރިވޭތަ؟ މިއީ ފައިނޭންޝަލް އެޑްވައިސް އެއް ނޫން، އެކަމަކު އަހަރެންގެ ރައްޓެހިން އެތެރިއަމް މެކްސް ޓޯކަންއާ ބެހޭގޮތުން ބުނި ވާހަކަ ޝެއާ ކޮއްލަނީ." ކިމްގެ ޕޯސްޓްގައިވެ އެވެ.

އެސްއީސީގެ ޑައިރެކްޓާ އޮފް އެންފޯސްމަންޓް ގުރްބީރް ގްރެވާލް ވިދާޅުވީ ސެލެބްރިޓީން ޕްރޮމޯޓްކުރާ ކްރިޕްޓޯ ކަރަންސީ ސެކިއުރިޓީޒް އަކީ އެއްވެސް ފަރާތަކަށް ނުޖެހޭ ޕްރޮމޯޝަނެއްކަން އިންވެސްޓަރުންނަށް އެނގެންޖެހޭ ކަމަށާއި ކިމް ހާމަކުރަންޖެހޭ މައުލޫމާތު އޭނާ ހާމަނުކުރާ ކަމަށެވެ.