ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިންދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

ރާއްޖޭގައި ކުރިއަށް ގެންދާ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހަޅައިފި އެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ލޯ އޮފީސް އަފްރާ އުޘްމާން ލޯފާމުންނެވެ.

ލޯ އޮފީސް އަފްރާ އުޘްމާން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 2021 އިން ފެށިގެން ރާއްޖޭގައި ދެމުންގެންދާ ކޮވިޑް-19 ވެކްސިން ދިނުމުގައި، ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ބައިނަލްއަގްވާމީ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ދިވެހި ދައުލަތުން ހިންގާފައިވާ ކަމަށެވެ.

ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމާ ގުޅޭ ނިންމުންތަކުގެ މައްސަލަ ބަލައި ދިނުމަށް އެދި، ޖުޑީޝަލް ރިވިއުގެ ދައުވާއެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލަ މިމަހުގެ ދެވަނަ ދުވަހު ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ލޯ ފާމުން ބުނީ ކޮވިޑް-19ގެ ތަހުލީލީ ވެކްސިންތަކެއް އެތައް ބައެއްގެ ގަޔަށް ޖެހިފަހުން، އާދަޔާ ހިލާފަށް ކުއްލި މަރުތައް އިތުރުވެފައިވާތީ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެފަދަ މަރުތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ ޑޮކްޓަރުންނާއި ސައިންޓިސްޓުންގެ ޖަމިއްޔާތަކުން ކޮވިޑް-19ގެ ތަހުލީލީ ވެކްސިންތައް ދިނުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވާތީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، ކޮވިޑް-19 ވެކްސިންތައް ދިނުން ވަގުތީގޮތުން ހުއްޓާލުމަށް، ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިފަ އެވެ.

ލޯ ފާމުން ވަނީ ހިނގައިދިޔަ ކުއްލި މަރުތަކުގެ މިނިވަން ފުރިހަމަ ތަހުގީގެއް ކުރުމަށް ދިވެހި ދައުލަތަށް އިލްތިމާސްކޮށްފަ އެވެ.