ޓީވީ ހުޅުވާލިއަސް ރޭޑިއޯ ހުޅުވާލިއަސް ނުވަތަ އޮން ލައިން ނޫހެއް ބަލައިލިއަސް މިއަދު ފެންނަމުން މިދަނީ ކޮންމެސް ގައުމެއްގައި ބޮމެއް ގޮއްވާލައި އެތައް ބަޔަކު މަރާލާގައިން އުޅޭ ހަބަރެވެ. އެތައް ތަނެއް ސުންނާފަތި ކޮށްލައިން އުޅޭ ހަބަރެވެ. ބޭރު ދުނިޔޭގެ ހަބަރުތަކަށް ބަލާއިރު މިއީ އާ ހަބަރުތަކެއް ނޫނެވެ. އަބަދުވެސް އިވެމުން އަންނަ ހަބަރުތަކަކެވެ.
ފާހަގަ ކުރެވޭ ކަމަކީ މިއަހަރު ފެށުމާއެކު ހާއްސަކޮށް މި ހަފުތާގެ ތެރޭގައި ޓެރަރިސްޓް ހަމަލާތައް ދޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވުމެވެ. އެތައް ބަޔަކު މަރުވެ އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް މި އަހަރުގެ މިވީ 15 ވަރަކަށް ދުވަހުގެ ތެރޭގައި ވަނީ ލިބިފަ އެވެ.
ހަމަލާދެނީ މުސްލިމުންނަށްތަ؟
ޓެރަރިސްޓު ހަމަލާތައް އުފެދި އަމާޒުވަމުން އަންނަނީ މުސްލިމް ގައުމުތަކަށެވެ. އެ ގައުމުތަކުގައި މުސްލިމުން ދިރިއުޅޭ ސަރަހައްދު ތަކަށެވެ. ހަމައެކަނި މިދިޔަ ބުދަ ދުވަހު ދިން ހަމަލާތަކަށް ބަލައިލާށެވެ.
ޕާކިސްތާނަށް ދިން ހަމަލާ: ޕާކިސްތާނުގައި ބުދަ ދުވަހު ޖާނުން ފިދާވުމުގެ ހަަލާގައި 14 މީހުން މަރުވެ 20 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ. ޕާކިސްތާނަކީ މުސްލިމުން ދިރިއުޅޭ ގައުމެކެވެ. އިއްޔެ ވެސް ފުރަތަމަ ހަމަލާ ދީފައިވަނީ މުސްލިމް ގައުމަކަށެވެ.
އަފްގާނިސްތާން ހަމަލާ: އަފްގާނުގައިވެސް ޖާނުން ފިދާ ވުމުގެ ހަމަލާއެއްދީފައެވެ. މިހަމަލާގައި މީހަކަށް ގެއްލުންވެފައެއް ނުވެއެވެ. އެހެން ނަަމަވެސް ހަމަލާދިނީ މުސްލިމުން ދިރިއުޅޭ ސަރަހައްދަކަށެވެ.
ކެމަރޫން ހާދިސާ: ބުދަ ދުވަހު ވަނީ ކެމަރޫނާއި ނައިޖީރިޔާ ގުޅޭ ބޯޑަރު ކަރީގައި ހުރި ސުންނީ މިސްކިތެއްގެ ކަރީ ޖާނުން ފިދާ ވުމުގެ ހަމަލާއެއް ދީފަ އެވެ. އެހަމަލާގައި 10 މީހުން މަރުވި އިރު އެތައް ބަޔަކު ވަނީ ޒަހަމް ވެފައެވެ. މި ހަމަލާވެސް އަމާޒުކޮށްފައިވަނީ މުސްލިމުން ބޭނުންކުރާ މިސްކިތަކަށެވެ.
މީގެ އިތުރުން އިރާން، މިސްރު، ޔަމަނު އަދި އިރާނަށްވެސް ދަނީ ޓެރަރިސްޓް ހަމަލާތައް ދެމުންނެވެ. ހަމަލާތަކުގައި މަރުވެދަނީ މުސްލިމުންނެވެ. ޒަހަމް ވަނީ މުސްލިމުންނެވެ. ޔަތީމުވެ އުޅޭނެ ތަނެއް ނެތި ހާލުގައި ޖެހެނީ މުސްލިމް ކުޑަކުދިންނެވެ.
ހަމަލާދެނީ ކޮން ބައެއް؟
ޓެރަރިސްޓް ހަމަލާދިނުމަށްފަހު ހަމަލާގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަ އެވެ. މިއީ ހަމަލާ ތަހުގީގް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހަ އެކެވެ. ގިނަ ފަހަރަށް ޓެރަރިސްޓް ހަމަލާތައް ދެނީ "މުސްލިމުން" ގެ ނަމުގައި އުޅޭ ހައްދު ފަހަނަ އަޅާފައިވާ ކޮންމެސް ޖަމާއަތެކެވެ. އައިއެސ ތާލިބާން ނުވަތަ ބޯކޯ ހަރާމް ފަދަ ހައްދު ފަހަނަ އަޅާފައިވާ ބައެކެވެ. މީގެ ހަގީގަތް ސީރިޔާއަށް ބަލައިލި ނަމަވެސް ފެންނާނެއެވެ.
ހައްދު ފަހަނަ އަޅާފައިވާ އައިއެސ ޖަމާއަތުން ސީރިޔާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެތައް ހާސް ބަޔަކު މަރުވެ އެތައ މުސްލިމުންނެއް ހާލުގައި ޖެހުނު އިރު އެތައް ހާސް ކުދިންނެއް ޔަތީމުވެ ނިކަމެތިވެއްޖެ އެވެ. އެހަމަލާތައް ހުއްޓުވަން ނަމުގައި ދުނިޔޭގެ ބާރުތަކުން ދޭ ހަމަލާތަކުގައުވެސް އެއްވެސް އިންސާފެއްނެތި ނިމިގެން ދާނެ ޖެހެނީ ކުށެއް ނެތް އާއްމު މީހާއެވެ.
ޔަމަނުގައި ހިންގާ ޓެރަރިސްޓް ޖަރީމާތައް ހުއްޓުވަން ސައުދި އަރަބިއްޔާއިން އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ދޭ ހަމަލާތައްވެސް އަމާޒުން ކައްސާލައިން ކަމަށް ބުނެ އާއްމުން ދިރިއުޅޭ ހިސާބުތަކަށް ދެއެވެ. ހަލާކުވެ ވީރާނާވަމުން ދަނީ މުސްލިމް ރައްޔިތު މީހާގެ ދިރިއުޅުމެވެ.
ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުން ދުނިޔޭގެ އެތަން މިތަނަށް ހަމަލާތައް ދިނުމުގެ އިތުރުން އެ ޖަމާއަތްތަކުން ދަނީ ހަމަލާތައް ދޭނެ ކަމުގެ އިންޒާރުވެސް ދެމުންނެވެ.
ގައުމު ތަކުގެ މުސްތަގްބަލް އަނދިރި ވެފައި
ދުނިޔޭގެ އެތައް މިތަނުގައި ޓެރަރިސްޓް ހަމަލާތަކުގައި ޝިކާރައަކަށްވަމުންދާ ކުދިންގެ މުސްތަގްބަލް ވަނީ އަނދިރިވެފައެވެ. ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި އުޅެމުންދާއިރު ތައުލީމް ހާސިލް ކުރެވޭނެ ގޮތެއް ނެތެވެ. މުސްލިމް ގައުމުތަކުގެ މާދަމާގެ ލީޑަރުންގެ ގޮތުގައި ތަމްސީލް ކުރަން ތިބި ކުދިންނަށް ސްކޫލަށް ދާނެ ފުރުސަތެއް ނެތެވެ. ދިރިއުޅެމުންދާ މާހައުލުން ފެންނަމުންދަނީ އަނިޔާވެރި ކަމެވެ.
ފަތުރުވެރިން ގިނަ ހިސާބުތަކަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ސަބަބުން އެގައުމުތަކުގެ އިގްތިސޯދު ދަނީ ހީނަރު ވަމުންނެވެ. ފަތުރުވެރިކަމަށް އިގްތިސާދު ބިނާވެފައިވާ ގައުމު ތަކުގައި ފަތުރުވެރިން އެންމެ ގިނަ ހިސާބުތަކަށާއި އެމީހުން ގޮސް އުޅޭ ހިސާބުތަަކަށް ހަމަލާދިނުމުން ފަތުރުވެރިންނަށް އެގައުމުތައް ސިފަ ވަނީ ބިރުވެރި އަދި ރއްކާތެރިކަމެއް ނެތް ގައުމުތަކެއްގެ ގޮތުގައެވެ. އެހެން ކަމުން ފަތުރުވެރިން އެގައުމުތަކަށް ދިއުން މަދުކުރުމާއި ގުޅިގެން އިގްތިސާދު ވަނީ އަޑި އަޅާލާފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ތުރުކީގެ އިސްތަންބޫލަށް ދިން ހަމަލާއަކީވެސް ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް ބެލެވެ އެވެ. ޓޫރިސްޓުންގެ މެދުގައި މަގުބޫލް، ސުލްތާން އަހުމަދު ބްލޫ މިސްކިތް ހުންނަ ސަރަހައްދުގައި ދިން މި ހަމަލާގައި 10 މީހުން މަރުވި އިރު އޭގެތެރެއިން 8 މީހުންނަކީ ޖަރުމަނަށް ނިސްބަތްވާ ފަތުރުވެރިންނެވެ. މިދޔަ ހަފްތާގައި މިސްރުގެ ރިސޯޓެއްގެ ހޮޓަލަކަށް ވަދެ ވެސް ބަޔަކު ވަނީ ހަމަލާތަކެއް ދީފަ އެވެ. އެގޮތުން ވަޅިން ހަމަލާތަކެއްދީ ތިން ފަތުރުވެރިޔަކު ވަނީ ޒަހަމް ކޮށްލާފަ އެވެ. އޭގެ އިތުރުން ފަތުރުވެރިން ރަހީނުކުރުމަށްވެސް އެމީހުން ވަނީ މަސައްކަތް ކޮށްފަ އެވެ.
އިސްލާމީ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ހަމަލާ ދޭ ޖަމާއަތްތަކަށް ލިބެޭ މާ ބޮޑު ފައިދާއެއް ނޯވެއެވެ. ނަމަވެސް ގައުމުގެ އެތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށި ގައުމުގެ އަމާންކަން ގެއްލެއެވެ. ކުށެއް ނެތް ބައެއްގެ ފުރާނަތައް ގެއްލިގެންދެއެވެ.