ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި ބަހްރައިންގެ ރަސްގެފާން ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި

Oct 6, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަހްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި އެވެ.

ރައީސްގެ ދެކަނބަލުން ރަސްގެފާނުގެ ގަނޑުވަރު -- ޤުޟައިބިއްޔާ ޕެލެސްއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ސޯލިހާއި ބަހްރައިންގެ ރަސްގެފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ދެ ގައުމުގެ ގުޅުން އާ މަރުހަލާއަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. ރަސްގެފާނު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށެވެ. އަދި މި ދަތުރުފުޅަކީ އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔަ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

ރައީސް ސޯލިހް މިއަދު ވަނީ ބަހްރައިންގެ ވަލީ އަހްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދް އަލް ޚަލީފާއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބަހްރައިން އަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ސޯލިހާއި ވަފްދުގެ ބޭފުޅުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ދިވެހިރާއްޖެއާއި ބަހްރާއިނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މާޗް 24، 1980 ގައެވެ.