ފިނިޕޭޖް

މާވެލްގެ "ވެއަލްފް ބައި ނައިޓް" ތަފާތު

"ވެއަވުލްފް ބައި ނައިޓް" އަކީ މާވެލް ސިނަމެޓިކް ޔުނިވާސް އިން ނެރުނު ތަފާތު ޓީވީ ފިލްމެކެވެ.

މައިކަލް ޖިއަކީނޯ ޑައިރެކްޓް ކުރި "ވެއަވުލްފް ބައި ނައިޓް"ގައި މޮންސްޓާ ހަންޓާސްތަކެއްގެ ލީޑަރު މަރުވުމުން، އޭނާގެ ގެ ބްލަޑްސްޓޯން މޭނަ އަށް އެއްވެ އެވެ. ދެން ބާރުގަދަ ރެލިކް އެއް ހޯދުމަށް އެންމެން ނުރައްކާތެރި ގޭމެއްގައި ބައިވެރިވެ އެވެ.

މި ފިލްމްގައި ވެއަވުލްފް ޖެކް ރަސަލްގެ ރޯލް އަދާކުރަނީ ގައެލް ގާސިއާ ބާނަލް އެވެ. އަދި އެލްސާ ބްލަޑްސްޓޯންގެ ގޮތުގައި ލޯރާ ޑޮނެލީ، ވެރޫސާ ބްލަޑްސްޓޯންގެ ގޮތުގައި ހެރިއަޓް ސެންސަމް ހެރިސް، ބިލީ ސްވޯންގެ ގޮތުގައި އެލް ހަމާކާ އަދި ލިންޑާގެ ގޮތުގައި ޔޫޖީނީ ބޮންޑިއުރަންޓް ފެންނާނެ އެވެ.

މި ފިލްމްގެ ރަނގަޅު ކަންތައްތަކަށް ބަލާއިރު، އެމްސީޔޫ އިން ކަންތައްގަނޑު ބޮނޑު ނޫން ސީދާ ޕްލޮޓެއް އެކުލެވޭ މޮންސްޓާ ހަންޓާސް އުޅޭ ހޮރޯ-އެޑްވެންޗާއެއް ހެދުމަކީ ތަފާތު ކަމެކެވެ. އަދި ބްލެކް އެންޑް ވައިޓް އިން މި ފިލްމްގެ ސިނެމެޓޮގްރަފީ ފެންނާތީ، މިއީ ކުރީ ޒަމާނުގެ ހޮލީވުޑް ހޮރޯ ޖޮންރާ ފިލްމުތަކުގެ ހަނދާން އާލާކޮށްދޭ ފިލްމެކެވެ. މި ފިލްމްގެ ސްޕެޝަލް އިފެކްޓްވެސް ވަނީ ރެޓްރޯ ގޮތްތަކާ އެއްކޮށްލާ ގުޅުވާލާފަ އެވެ.

"ވެއަވުލްފް ބައި ނައިޓް"ގެ ނެގެޓިވް ކަންތައްތަކަށް ބަލާއިރު، ކުރީގެ ހޮރޯ ޖޮންރާ ފިލްމްތަށް ނުބަލާ، އެ ނޭނގޭ މީހުންނަށް މި ފިލްމުން ދޭން އުޅޭ މެސެޖާއި އަސަރު ނަގައިނުގަނެވިދާނެ އެވެ. އަދި މި ޒަމާނުގައި ހޮރޯ ފިލްމްތަކުން ފެންނަ "ބްލަޑް އެންޑް ގޯ" މި ފިލްމުން ނުފެންނާތީ ބައެއް މީހުންނަށް އެގޮތް މި ފިލްމުން ކަމުނުގޮސްފާނެ އެވެ. އެކަމަކު މި ފިލްމްގެ ތަރިންގެ މެދުގައިވާ ކެމިސްޓްރީ، ތަރިންގެ ހުނަރުވެރިކަން އަދި ކްރިއޭޓިވިޓީއަށް ބަލާއިރު، މިއީ ބަލާލަން ރަނގަޅު ފިލްމެކެވެ.